ގާނާގެ މަޝްހޫރު ރެޕާ ކާސްޓްރޯ މަރާލުމުގައި ބައިވެރިވެފައި ވާކަމަށް ތުހުމަތުކުރެވިފައިވާ އެޤައުމުގެ ފުޓްބޯޅަ ކުރުންތެރިއާ އަސަމޮއާ ޖިއާން އެކަމަށް އިންކާރުކޮށްފި އެވެ.

ޖިއާންއާއި އޭނާގެ އާއިލާގެ ފަރާތުން އިއްޔެ ޓުވިޓާގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖިއާންގެ ގާތް އެކުވެރިއެއް ކަމަށްވާ ކާސްޓްރޯ ގެއްލުމުގައި އޭނާގެ އަތެއް ނުވާކަމަށާއި އެކަމާ ބެހޭ އެއްވެސް ކަމެއް އޭނާއަށް ނޭނގޭ ކަމަށެވެ. އަދި މީޑިއާގައި އޭނާއަށް ތުހުމަތުކޮށް ފާޑުކިއުންތައް އަމާޒުވަމުންދާތީ ހިތާމަކުރާ ކަމަށެވެ.

"މީޑިއާގައި ވަރަށް ބޮޑަށް އަހަރެންނަށް ފާޑުކިއުންތައް އަމާޒުވަމުން އެބަދޭ. ކާސްޓްރޯ ގެއްލުމުގެ ޒިންމާ އެންމެންވެސް އަޅުވަނީ އަހަރެންގެ ބޮލުގައި. އެކަމަކު މިކަމުގައި އަހަރެންނާއި އަހަރެންގެ އާއިލާގެ އެއްވެސް އަތެއް ނޯންނާނެ. މިކަމާ ބެހޭ އެއްވެސް ކަމެއް އަހަރެންނަކަށް ނެނގޭ،" ގާނާ ޤައުމީ ޓީމުގެ ކެޕްޓަން ޖިއާން ބުންޏެވެ.

އުމުރުން 28 އަހަރުގެ ޖިއާން ބުނީ، ވޭތުވެދިޔަ ދުވަސްތަކުގައި މިކަމާ ބެހޭގޮތުން އެއްޗެކޭ ނުބުނެ ހުރީ ޕޮލިސް އިންވެސްޓިގޭޝަނެއްގައި އެއްވެސް ގޮތަކަށް ބައިވެރިވާން ބޭނުންނުވާތީ ކަމަށެވެ. ކާސްޓްރޯ ކުއްލި ގޮތަކަށް ގެއްލުމުން އޭނާއަށް ވެސް ލިބުނީ ޝޮކެއް ކަމަށާއި އެހެންނަމަވެސް އެކަމުގައި އެއްވެސް ވަރަކަށް ޖިއާން އާއި އޭނާގެ އާއިލާގެ އަތެއް ނޯންނާނެ ކަމަށް އެއާއިލާއިން ބުނެފައިވެއެވެ.

"މިކަމާ ބެހެގޮތުން އަހަރެން އެއްޗެކޭ ނުބުނެ ހުރީ އެއްވެސް ހާލެއްގައި ޕޮލިސް އިންވެސްޓިގޭޝަނެއްގައި ބައިވެރިވާން ބޭނުން ނުވާތީ. ހަގީގަތުގަވެސް އަހަރެންނަށް ލިބުނީ ޝޮކެއް ކާސްޓްރޯ ގެއްލުމުން،" ޖިއާން ބުންޏެވެ.

ކާސްޓްރޯ ގެއްލުނީ މިދިޔަ ޖުލައި މަހު ޖިއާންގެ އާއިލާއާއި އެކު ޗުއްޓީ ހޭދަކޮށްލަން އަޑާ ކިޔާ ރިސޯޓަކަށް ގޮސް އުޅެނިކޮށެވެ. ކާސްޓްރޯ އާއިއެކު އޭނާގެ ލޯބިވެރިޔާ ޖަނެތު ބަންޑޫ ވެސް ވަނީ ގެއްލިފައެވެ.