މާފަންނު އަސުރުހިޔާގެ ފުލުހުން ބަލައި ފާސް ކުރި އިރު މަސްތުވާތަކެތި ފެނު ނަމަވެސް އެގެ ބަލައި ފާސްކޮށްފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ވުމުން އެގެއިން ހައްޔަރު ކުރި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ގ.ރޯޝަންހިޔާ، އަޙްމަދު އިލްހާމާއި މއ.މަޒާގެ، މުހައްމަދު އައިޝް އަހްމަދާއި މއ.ފޯވިންގްސް މުހައްމަދު ޝާނިހް ސައުދުﷲގެ އިތުރުން މާލޭ ދަފްތަރު އަލީ ސަރުވާންގެ މައްޗަށް ދައުލަތުން ކުރި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށްފައި ވަނީ މިއަދު އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ 2012 ވަނަ އަހަރުގެ މެއި 11 ވަނަ ދުވަހުގެ ހެނދުނު 8:10 އެހާކަންހާއިރު މ. އަސްރުހިޔާގޭގައި އެ މީހުން މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެގޭގައި އެމީހުން ނިދާފައިވާ ކޮޓަރިއަށް ގޮސް އެމީހުންގެ ހާޒިރުގައި ފުލުހުން އެތަން ބަލައި ފާސްކުރި އިރު އެ ކޮޓަރިތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. ނަމަވެސް އެ ކޮޓަރި ފުލުހުން ބަލައި ފާސްކޮށްފައި ވަނީ ގާނޫނު އަސާސީގެ 47 ވަނަ މާއްދާގެ (ށ)އާ ޚިލާފަށް ކަމަށް އެ މައްސަލައިގެ ޝަރީއަތުގައި ދިފާއީ ވަކީލު ނެގި އިޖުރާއީ ނުކުތާ އިން އެނގެން އޮންނަ ކަމަށް އެ ހުކުމްގައިވެ އެވެ.

"މިމައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ހުށަހަޅަފައިވާ ހެކި ގަރީނާތަކަކީ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 52 ވަނަ މާއްދާގައި ބުނާ ފަދަ ހެކިތަކެއްކަން ޝަރީއަތަށް ސާބިތު ވާތީ، އަހްމަދު އިލްހާމާއި މުހައްމަދު އައިޝް އަހްމަދާއި މުހައްމަދު ޝާނިހު ސައުދުاللهއާއި އަލީ ސަރުވާނުގެ މައްޗަށް ދައުލަތުންކުޅަ ކެނެބިސްޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ހުކުމްކޮށް މިގަޒިއްޔާ ނިންމީ އެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.