އިނގިރޭސި ލީގު ކަޕުގައި 2-1 ން ބޯލްޓަން ބަލިކޮށް ޗެލްސީ އެ މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ރޭ ލަންޑަންގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މެޗުގައި ފުރަތަމަ ގޯލް ޖަހައި ކުރި ހޯދީ ޗެލްސީ އެވެ. މިގޯލް ޗެލްސީއަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފު ފަށައިގެން 25 ވަނަ މިނިޓުގައި ފްރާންސްގެ ޑިފެންޑަރު ކާޓް ޒޫމާ އެވެ. މިއީ ޒޫމާ ޗެލްސީ ޖާޒީގައި ކުޅުނު ފުރަތަމަ މެޗްކަންވެސް ފާހަގަކޮށްލެވެއެވެ.

ޗެލްސީ އިން ލީޑް ނެގިތާ މާގިނައިރެއް ނުވަނީސް 31 ވަނަ މިނިޓުގައި ބޮލްޓަންގެ މެޓް މިލްސް ވަނީ ގޯލެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ފުރަތަމަ ހާފުގައި ޗެލްސީގެ ޖަރުމަނު ވިންގާ އަންދްރޭ ޝޫލާއަށް ވަނީ ގޯލް ޖަހާނޭ ރަނުގެ ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާ އަކުން ދެޓީމު އެއްވަރު ވެގެންނެވެ.

ދެވަނަ ހާފުގައި މޮރީނިއޯގެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ބޮލްޓަންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ 55 ވަނަ މިނިޓުގައި ބްރެޒިލްގެ ތަރި އޮސްކާ ވަނީ 25 ޔާޑު ދުރުން ގޯލް ޖަހައި މެޗުގައި ދެވަނަ ފަހަރަށް ޗެލްސީ އަށް ލީޑު ނަގައިދީފައެވެ. ދެވަނަ ހާފުގައި އޮސްކާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ އެސިސްޓެންޓް ކޯޗު ސްޓީވް ހޮލަންޑް ބުނީ މެޗުން މޮޅުވެ އަނެއް ބުރުން ޖާގަ ލިބުމުން ހިތްހަމަޖެހޭ ކަމަށާއި މެޗުގައި ޝޫލާއަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވިޔަސް އޭނާގެ ފަރާތުން ފެނުނު ހިތްވަރާއި މަސައްކަތާމެދު އުފާ ވާ ކަމަށެވެ.

އިނގިރޭސި ކެޕިޓަލް ވަން ކަޕުގެ ފަސްވަނަ ބުރުގައި ޗެލްސީ ބައްދަލުކުރާނީ ޝްރޫސްބަރީއާ އެވެ.