ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންނާއި، ކްލަބް ތަކުންނާއި މުބާރާތް ރާވައި ހިންގާ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ފުޓްބޯޅަ އަށް އަހުލުވެރިވާން ޖެހޭ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރު އަދި މިހާރު ދެވަނަ ޑިވިޝަން ކްލަބް ޓީސީގެ ހެޑް ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ސަން ޓީވީގެ ކުޅިވަރު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ނިޒާމް ބުނީ، ޚާއްސަކޮށް ކްލަބް ތަކުން ފުޓްބޯޅައަށް ދޭންޖެހޭ އަހައްމިއްޔަތުކަން ނުދޭ ކަމަށާއި ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ބޭނުންނަމަ ކްލަބްތަކުން މިކަމަށް އަހުލުވެރިވާން ޖެހޭ ކަމަށެވެ.

" އަޅުގަނޑަށް ފެންނަގޮތުގައި ކްލަބްތަކުންނާއި، ކުޅުންތެރިން އަދި މިކަންތައް ރާވައި ހިންގާ މީހުންވެސް އެބަޖެހޭ މިހާރަށްވުރެ ބޮޑަށް މިކަމުގެ ތެރެއަށް ވަންނަން. ޚާއްސަކޮށް ކްލަބްތަކުން އެބަޖެހޭ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި މިކަމަށް އަހުލުވެރިވާން. އަދި ހަމަގައިމުވެސް ދިވެހިންނަކަށް އެ ފެންވަރަކަށް ދެވިފައެއް ނެތް" ނިޒާމް ބުންޏެވެ.

ޓީސީގެ ކޯޗު ބުނީ، މިހާރަކަށް އައިސް ކްލަބްތަކުން މަސަތްކަތް ކުރަނީ ކޮންމެހެން ކާމިޔާބީ ހޯދަން ނޫން ކަމަށާއި ގިނަފަހަރު އިންތިޚާބުތަކާ ދިމާކޮށް ކްލަބްތަކުން ވާދަކުރާ ބޭފުޅުންނަށް ވޯޓު ވިއްކާލާ ކަމަށެވެ. ނަމަވެސް މިހާރު ފެނިގެންދަނީ ކްލަބްތައް ނުހިންގި ފުޓްބޯޅައިގެ ފޯރި ދަށްވަނީ ސީދާ އެފްއޭއެމްގެ ސަބަބުން ކަމަށް ބުނެ ކްލަބްތަކުން އެ އެސޯސިއޭޝަން ބަދުނާމްކުރާތަން ކަމަށް އޭނާ ބުންޏެވެ.

"ހަޤީގަތުގައި މިފަހަކަށް އައިސް އަޅުގަނޑުމެންނަކަށް ނޭނގެ ރަނގަޅަށް މިކަންތައްތައް ކުރަން. މިހާރު ކުރެވޭ ކަމަކީ ގިނަފަހަރަށް އެސޯސިއޭޝަންތަކުގެ އިންތިޚާބުތަކާ ދިމާކޮށް ވޯޓު ވިއްކާލައި ފަހުން އެސޯސިއޭޝަން ގޯސް ކްލަބް ތައް ނުހިންގެނީ އެހެންވެ ކަމަށް ބުނެ ވާހަކަ ދެއްކުން. ރީތިކޮށް ބުނާނަމަ ދިވެހިން އުޅެނީ ނުފޯރާ ފޮތިން ފޫގަޅަން" ނިޒާމް ބުންޏެވެ.

ނިޒާމް ބުނީ، ކްލަބް ތަކުން ފުޓްބޯޅައާ މެދު ދެކޭގޮތް އެހާ ރަނގަޅު ނޫން ކަމަށާއި އަބަދުވެސް އުޅެނީ ކޮންމެވެސް މަހުޖަނެއްގެ އަތުން ފަންޑު ހޯދަން ކަމަށެވެ. އެއީ ކްލަބް ކުރިއަރުވަން ނުވަތަ ފުޓުބޯޅައަށް ކުރިއެރުން ހޯދަން ކުރާ ކަމެއް ނޫން ކަމަށާއި އެއީ އަމިއްލަ ކަންތައްތައް ކުރުމަށް ކުރާ ކަމެއް ކަމަށްވެސް އޭނާ ބުންޏެވެ.