25 Sep 2014, 14:51
ދެ މިލިއަން ރުފިޔާ ހަރަދުކޮށްގެން އޯޑިއޯން ބިމުގައި މިދިޔަ ރޯދަ މަހަށް ހާއްސަކޮށްގެން އިމާރާތްކުރި ވަގުތީ މިސްކިތް ރޫޅައިލައިފި އެވެ.
އެ މިސްކިތް ރޫޅާލާފައި ވަނީ އެ ކޮށީގައި އެޅުމަށް ހަމަޖައްސާފައިވާ ފްލެޓް އެޅުމުގެ މަސައްކަތް ކުރުމަށް އެކަމާ ބެހޭ އެއްބަސްވުމުގައި ޓާޓާ ކުންފުންޏާ އެކު އަލުން ސޮއިކުރުމަށް ފަހު، އެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަން ހައުސިންގް މިނިސްޓްރީން އިޢުލާން ކުރި ފަހުންނެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ މިސްކިތަކީ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ހަަމައެކަނި ރޯދަ މަހު ބޭނުން ކުރުމަށް އެޅި މިސްކިތެއް ކަމަށެވެ. ނަމަވެސް އެތަން ބޭނުންވެގެން އެންގީމާ އެތަން ހުސްކޮށްދީފައިވާ ކަމަށެވެ.
"ރަމަޝާން މަހު އެކަނި އެތަން ބޭނުން ކުރުމުގެ ހުއްދަ އޮތީ، ޓާޓާ އިން އެތަން ބޭނުންވެގެން އެންގީމާ އެތަން ހުސްކޮށްދިނީ، އަޅުގަނޑުމެން އެދުނިން މަސައްކަތް ފެށެންދެން ވެސް އެތަން ބޭނުންކުރަން. ޓާޓާ ކުންފުނިން ބޭނުންވީ ވީހާ ވެސް އަވަހަކަށް އެތަން ހުސްކޮށް މަސައްކަތް ކުރަން،" އޭނާ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ މިދިޔަ އަންގާރަ ދުވަހުގެ އިސާނަމާދަށް ފަހު އެ މިސްކިތުގައި ނަމާދު ކުރުން ހުއްޓާލާނެ ކަމަށާއި ޓާޓާ ކުންފުންޏާ ހަވާލުކުރުމަށް އެ މިސްކިތް ރޫޅާލޭނެ ކަން އަންގައިފަ އެވެ. އެގޮތުން ސިފައިން އެ މިސްކިތް އިއްޔެ ވަނީ ރޫޅާލައިފަ އެވެ.
އެ މިސްކިތަކަކީ ފަނޑިޔާރު މިސްކިތް ތަޅާލުމުން އެސަރަހައްދުގެ މީހުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް އިމާރާތް ކުރި މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ގޯތިތެރެއާ އެކު އަށް ސަތޭކަ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް އެ މިސްކިތް އަޅާފައި ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސިފައިން ބޭނުންކޮށްގެންނެވެ.