އިނގިރޭސި ކެޕިޓަލް ވަން ކަޕްގައި މެންޗެސްޓާ ސިޓީ އިން ގޯލް ބަސްތާއަކާއެކު ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިފި އެވެ.

މެންޗެސްޓާގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސިޓީން މެޗް ކާމިޔާބުކުރީ 7-0 ންނެވެ. މެޗުގައި ޖެހި ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. އެމެރިކާގެ ނިއު ޔޯކް ރެޑްބުލްސް އިން ސިޓީ އާއި ގުޅުނު ފްރޭންކް ލަމްޕާޑް ވަނީ ދެވަނަ ހާފު ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ 47 ވަނަ މިނިޓުގައި ގޯލެއް ކާމިޔާބުކޮށް ސިޓީއަށް ލީޑު ހޯދައިދީފައެވެ.

އޭގެ ހަ މިނެޓް ފަހުން 53 ވަނަ މިނިޓުގައި އެޑިން ޒެކޯ އާއި 54 މިނެޓް ވަނަ މިނިޓުގައި ޖީސަސް ނާވާސް ވަނީ ލަނޑު ޖަހައި ސިޓީއަށް ނަތީޖާ ފުޅާ ކޮށްދީފައެވެ. 60 ވަނަ މިނިޓުގައި މިޑްފީލްޑަރު ޔާޔާ ޓޫރޭ ވެސް ވަނީ ލަނޑު ލިސްޓުގައި ބައިވެރިވެފައެވެ. 77 ވަނަ މިނިޓުގައި ޒެކޯ އޭނާގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިން އިރު 88 ވަނަ މިނިޓުގައި ޒުވާން ފޯވަޑް ޖޯސޭ އެންޖެލް ޕޯސޭ ވަނީ ސިޓީއަށް ބޮޑު ލީޑެއް ހޯދައިދީފައެވެ. މެޗުގައި ސިޓީއން ޖެހި ހަތްވަނަ ގޯލް ކާމިޔާބު ކުރީ އިތުރު ވަގުތުގައި ލަމްޕާޑް އެވެ. މިއީ ލަމްޕާޑް މިހަފްތާގައި ކާމިޔާބުކުރި ތިންވަނަ ގޯލެވެ.

މެޗައްފަހު ވާހަކަދައްކަމުން ސިޓީގެ މެނޭޖަރު މެނުއެލް ޕެލެގްރިނީ ބުނީ ސިޓީން ރޭގައި ޓީމެއްގެ ގޮތުގައި މޮޅަށް ކުޅުނު ކަމަށާއި ޚާއްސަކޮށް ލަމްޕާޑްގެ ފަރާތުން ފެނުނު ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

ކެޕިޓަލް ވަން ކަޕުގެ ހަތަރުވަނަ ބުރުން ސިޓީން ޖާގަ ހޯދިއިރު ޗެލްސީވެސް ވަނީ ބޯލްޓަން ބަލިކޮށް ހަތަރުވަނަ ބުރަށް ދަތުރު ކޮށްފައެވެ.