25 Sep 2014, 14:32
ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާއަށް މަލާގާ އަތުން މޮޅު ނުވެވި ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.
ނޫ ކޭމްޕް ގައި ކުޅުނު މެޗަށް ބާސެލޯނާ ނުކުތް އިރު އެޓީމު އޮތީ ކުރިން ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ތާވަލުގެ އެންމެ ކުރީގައެވެ. ނަމަވެސް ރޭގެ މެޗުގައި ބާސާގެ ފޯވަޑް ލައިނަށް މަލާގާގެ ޑިފެންސް ލައިން ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
ރޭގެ މެޗުގައި ބާސެލޯނާ އިން ވަނީ މަލާގާގެ ގޯލަށް ނުރައްކާތެރި ހަމަލާތައް ފޮނުވާލާފައެވެ. ފުރަތަމަ ހާފުގައި މިޑްފީލްޑަރު އީވާން ރަކިޓިޗް ވަނީ ނުރައްކާތެރި ދެތިން ހުރަހެއް މަލާގާ އޭރިއާ ތެރެއަށް ނަގައިދީފައެވެ. ނަމަވެސް ބާސާ ފޯވަޑުންނަށް އެބޯޅަތަކުގެ އެންމެ ފުރިހަމަ ބެނުން ހިފޭ ގޮތެއް ނުވިއެވެ. ލެފްޓް ބެކް ޖޯޑީ އަލްބާ ވެސް ވަނީ ގޯލް ޖަހާނެ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.
ކެރިއަރުގެ 400 ވަނަ ސީނިއާ ގޯލް ޖެހުމުގެ އުއްމީދުގައި ރޭގެ މެޗާ ކުރިމަތިލި އާޖެންޓީނާގެ ފޯވަޑް ލިއޮނެލް މެސީ އަށް ގޯލް ޖަހާނެ މާގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. އެންމެ ފާހަގަކޮށްލެވޭ ފުރުސަތެއް ލިބުނީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ޖޯޑީ އަލްބާ ނަގައިދިން ހުރަހަކުންނެވެ. ނަމަވެސް މެސީއަށް މެއިން ރަނގަޅަށް ބޯޅަ ކޮންޓްރޯލްނުވެ މަލާގާގެ ޑިފެންޑަރު ސަންޗޭޒް ވަނީ ބޯޅަ ކްލިއާ ކޮށްލާފައެވެ.
ދެވަނަ ހާފުގައި ބާސެލޯނާގެ ވިންގާ ޕެޑްރޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައެވެ. ދެވަނަ ހާފުވެސް ބޯޅަ ހިފަހައްޓައި މުޅި މެޗް ޑޮމިނޭޓް ކުރީ ބާސެލޯނާ އިންނެވެ.
މެޗުން އެއްވަރު ވުމުން ލިބުނު ޕޮއިންޓާއެކު ބާސެލޯނާ އޮތީ 13 ޕޮއިންޓާއެކު ސްޕެނިޝް ލީގުގެ އެންމެ ކުރީގައެވެ. މަލާގާ އޮތީ ހަ ޕޮއިންޓާއެކު 12 ވަނައިގައެވެ.