ނުކުޅެދުންތެރިކަން ހުންނަ ކުދިނަށް އަމާޒުކޮށްގެން ދިރާގުން ބާއްވާ ހާއްސަ ކުޅިވަރު އީދު އަންނަ މަހުގެ 24 ވަނަ ދުވަހު އޮންނާނެ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަން އިމްޖާދު ޖަލީލް މިއަދު ވިދާޅުވީ މި އަހަރު އެ ކުންފުނިން ބާއްވާ "ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް"ގައި ހަ ޖަމިއްޔާއަކުންނާއި ތިން ސްކޫލަކުން ބައިވެރިވާ ކަމަށެވެ.

އިމްޖާދު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިނަށް ހާއްސަ ކޮށްގެން 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ކުޅިވަރު އީދަށް ތައްޔާރުވުމުގެ މަސައްކަތް ސްކޫލުތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ކުރަމުންދާ ކަމަށެވެ. އަދި ދިރާގުން އެފަދަ ހަރަކާތެއް ބޭއްވުމުގެ މަގުސަދަކީ ކުޅިވަރު ދާއިރާ ނުކުޅެދުންތެރިކަން ހުންނަ ކުދިނަށް ވެސް ކުރިއަށް ދެވޭނެ ޕްލެޓްފޯމެއް ގާއިމުކޮށް ބައިނަލް އަގުވާމީ މުބާތްތަކުގައި ވެސް ބައިވެރިވުމުގެ ފުރުސަތު ހޯދަދިނުން ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކެއާ ސޮސައިޓީގެ މެމްބަރު އަދި މޯލްޑިވްސް ޑިސޭބިލިޓީ ކައުންސިލް މެމްބަރު އަމިނަތު ލޫބާ ވިދާޅުވީ ކުޅިވަރު އީދުގައި ކެއާސޮސައިޓީގެ ހުރިހާ ކުދިން ވެސް ބައިވެރިކުރާނެ ކަމަށާއި އަދި އެކުދިންގެ ހުނަރުވެރިކަން ކޮންމެ އެއް އައިޓަމެއްގައި ދައްކަދޭނެ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިނަށް ހާއްސަކޮށްގެން ބާއްވާ ކުޅިވަރު އީދުގައި މި އަހަރު ބައިވެރިވަނީ ކެއާ ސޮސައިޓީ، އެސޯސިއޭޝަން ފޮ ޑިސިބިލިޓީ، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، މޯލްޑިވްސް އެސޯސިއޭޝަން ފޮ ޕީޕީޕަލް ވިތު ފިސިކަލް ޑިސޭބިލިޓީސް، ބިއުޓިފުލް އައިސް، ޑައުން ސިންޑްރޯމް އެސޯސިއޭޝަން، ބްލައިންޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ. އަދި ޖަމާލުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލް ކަލާފާން ސްކޫލެވެ.

މިއަހަރު ބާއްވާ އެ ހަރަކާތުގައި 200 އަށް ވުރެ ގިނަ ކުދިން ބައިވެރިވާނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު ދިރާގުން ބޭއްވި ކުޅިވަރު އީދުގައި 22 ކުޅިވަރެއް ބައިވެރިކޮށްފައިވެ އެވެ.