25 Sep 2014, 14:19
ހަތަރު ރަށެއްގެ އެއްގަމު ތޮށިލުމުގެ މަސައްކަތް 100 މިލިޔަން ރުފިޔާ އަށް ދެބަޔަކާ ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދެ ކުންުފުންޏަކާ ހަވާލުކޮށްފައި ވަނީ ދ. ކުޑަހުވަދުއާއި އެ އަތޮޅު މީދު އާއި ކ. ތުލުސްދުއާއި ބ. އޭދަފުށީގައި ތޮށިލުމުގެ މަސައްކަތެވެ.
އެ މަޝްރޫއުގެ ދަށުން ދ. ކުޑަހުވަދޫގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 17.2 މިލިޔަން ރުފިޔާގެ އަގަކަށް 180 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެ މަސައްކަތް ހަވާލުކުރީ ކެޕިޓަލް އިންވެސްޓްމެންޓް އެންޑް ފައިނޭންސްއާ އެވެ.
އަދި ތުލުސްދޫ ރިވެޓްމެންޓްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 31.2 މިލިޔަން ރުފިޔާގެ އަގަކަށް ދެ މަހާއި ބައިގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި 28.8 މިލިޔަން ރުފިޔާ އަށް މީދޫ ތޮށިލުން ހަވާލުކޮށްފައި ވަނީ އެއް މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އޭދަފުށީގެ ރިވެޓްމެންޓްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 22.8 މިލިޔަން ރުފިޔާގެ އަގަކަށް 62 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި ތިން ރަށުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީ ހޯގާޑާ އެވެ.
ތޮށިލުމުގެ މަސައްކަތް މިއަދު ކޮންޓްރެކްޓަރުންނާ ހަވާލުކުރި ރަށްތަކަކީ މި އަހަރުގެ ތެރޭގައި ފަޅު ހިއްކާފައިވާ ރަށްތަކެވެ. ހައުސިން މިނިސްޓްރީން ބުނެފައި ވަނީ އެއްގަމު ތޮށި ނުހެދި ގިނަ ދުވަސް ވުމުގެ ސަބަބުން އެރަށްތަކަށް ރަށް ގިރުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މި މަސައްކަތް އަވަސް ކުރީ އެހެންވެ ކަމަށް ވެސް ބުނެފައިވެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މި މަޝްރޫއުގެ އެޑްވާންސް ފައިސާ ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ބަޖެޓުން ކަމަށެވެ. މަޝްރޫއަށް ހަރަދުވާ ފައިސާ ހިމަނާނީ އަންނަ އަހަރުގެ ބަޖެޓުގައި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.