25 Sep 2014, 14:06
މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯއްދަވައިދެއްވި ކަމުގެ ތުހުމަތުގައި އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ކަމުގެ މަގާމަށް އިއްޔެ އައްޔަން ކުރެއްވި އައްބުއްސަމީއު ހަސަންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މިއީ ސަމީއުގެ މައްޗަށް ދައުވާ ކުރަން ފޮނުވި ދެވަނަ މައްސަލަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން އާންމު ކުރި ބަޔާނެއްގައި ވަނީ ސަމީއުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ އެޑިޔުކޭޝަން މިނިސްޓްރީ އިން ސްކޫލުތަކަށް ބޭނުންވާ ލައިބްރަރީ ފޮތްތައް ހޯދުމަށް އިއުލާނުކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށް ފަހު ކަމަށެވެ.
އެ ބަޔާނުގައި ވަނީ އެއްފަހަރާ ގަންނަތަކެތި 25،000 ރުފިޔާ އަށް ވުރެ ބޮޑުވާ ނަމަ އެތަކެތި ގަންނަން އިއުލާން ކުރަންވާނީ ސަރުކާރުން ޕްރޮކިއުމެންޓްގެ އިއުލާނުތައް ކުރުމަށް ހަމަޖައްސާ ވެބްސައިޓެއްގައި ހިމަނައިގެން އަދި ޚިދުމަތް ލިބިގަންނަ ސަރުކާރުގެ އިދާރާގެ ނޯޓިސް ބޯޑުގައި ނުވަތަ އެފަދަ އިއުލާނުތައް ކުރުމަށް ކަނޑައަޅާފައިވާ ތަނެއްގައި ބަހައްޓައިގެން ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މާލިއްޔަތު ގަވާއިދުގައި އެގޮތަށް ބަޔާންކޮށްފައިވާ އިރު އެޑިއުކޭޝަން މިނިސްޓްރީ އަށް ބޭނުންވާ ލައިބްރަރީ ފޮތްތައް ހޯދުމަށް 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ކުރި އިއުލާނުގައިވާ ތަކެއްޗަކީ، 25,000 ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ ތަކެތިކަމަށް ވީ ނަމަވެސް، އެ އިއުލާނު ގެޒެޓްގައި ޝާއިއުނުކޮށް، އާއްމުކޮށްފައި ވަނީ ހަމައެކަނި މިނިސްޓްރީގެ ނޯޓިސް ބޯޑުގައި ބަހައްޓައިގެންކަމަށް ތަހުގީގަށް ސާބިތުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ވަނީ އެކަމުގެ ސަބަބުން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ އިއުލާންތައް ބަލައިގެން ސަރުކާރުގެ އިދާރާތަކަށް ބިޑު ހުށަހަޅާ ފަރާތްތަކަށް އެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީ އަށް ލައިބްރަރީ ފޮތް ގަތުމަށް ކުރި އިއުލާނާ ގުޅިގެން ބިޑުހުށަހެޅި ތިންފަރާތަކީ، ގުޅިގެން އެއްފަރާތަކަށް ބިޑުކާމިޔާބުކޮށްދިނުމުގެ ގޮތުން ބިޑުހުށަހެޅި ފަރާތްތަކެއް ކަމަށާއި ބިޑުހުށަހެޅި ފަރާތްތަކުގެ ތެރެއިން އެއްފަރާތަކީ ސަމީއުގެ ހިއްސާ ކުރިން އޮތް ކުންފުންޏެއް ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
އެ ބިޑު ކާމިޔާބުކުރި ކުންފުނީގެ މެއިލިންގް އެޑްރެހަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ދީފައި ވަނީ ސަމީއުގެ ދާއިމީ އެޑްރެސް ކަމަށްވާ މއ. އިސްޕަންޖުގެ ކަމަށާއި އަދި ބިޑް ކާމިޔާބުކުރި ކުންފުނީގެ ދެ ޗެކަކުން ދެ ފަހަރެއްގެ މަތިން ސަމީއު އަށް ފައިސާ ދީފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"މި މައްސަލާގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލާ އިރު، މި މައްސަލާގައި އަމަލުކޮށްފައިވާ ގޮތުން އަބްދުއްސަމީއު ހަސަން ކަނޑައެޅިގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާކަމަށް ބެލެވޭތީއާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ބިޑަށް ހުޅުވާލައި އަދި ގުޅިފައިވާ ކުންފުނިތަކުން ބިޑް ހުށަހެޅުމުން އަބްދުއްސަމީއު ހަސަންއާ ގުޅުންހުރި ފަރާތަކަށް މަސައްކަތް ހަވާލުކޮށްފައިވާކަން އެނގޭތީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު ގެ 25ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މއ. އިސްޕަންޖުގެ އަބްދުއްސަމީއު ހަސަންގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.