ކޮންމެ އަހަރަކު ކުރިއަށް ގެންދާ ނޮވެލްޓީ ބުކްޝޮޕުގެ ބުކްފެއާ "ނޮވެލްޓީ ބުކްފެސްޓް"މިއަދު ހުޅުވައިފި އެވެ.

ނޮވެލްޓީ ބުކްޝޮޕުން ކުރިއަށް ގެންދާ އެ ފެއާ މި ފަހަރު ކުރިއަށް ގެންދަނީ ޖަމާލުއްދީން ސުކޫލްގެ ޕީޓީއޭ އާ ގުޅިގެން ޖަމާލުއްދީން ސްކޫލްގަ އެވެ.

ބުކް ފެއާއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ނޮވެލްޓީ ބުކްޝޮޕްގެ ސޭލްސް މެނޭޖަރު އައިޝަތު ރަޔާހީން މިއަދު ވިދާޅުވީ އެ ފެއާގައި ކުޑަކުދިންނާއި ބޮޑަތި މީހުންނާ ގުޅޭ ގިނަ ތަފާތު މައުލޫމާތުތައް ލިބޭނެ ފޮތްތައް ހުންނާނެ ކަމަށާއި ފެއާގެ ތެރޭގައި 10 ޕަސެންޓުން ފެށިގެން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ޖަމާލުއްދީން ސްކޫލްގައި އެ ފެއާ ބާއްވަން ނިންމީ ކޮންމެ ފަހަރަކު ބޮޑު ފެއާއެއް ކުރިއަށް ގެންދިއުމުގެ ބަދަލުގައި ކުދި ފެއާތަކެއް ވެސް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށް އެ ބްކް ޝޮޕުން ބުންޏެވެ. ނަމަވެސް ކޮންމެ އަހަރަކު ވެސް ބްކްފެއާ ކުރިއަށް ގެންދާނެ ކަމަށް އެ ބްކްޝޮޕުން ބުންޏެވެ.

"ކޮންމެ ފަހަރަކު އެނުއަލް ފެއާއެއް ބޭއްވުމުގެ ބަދަލުގައި އަޅުގަނޑުމެން ވިސްނީ ތަންކޮޅެއް ކުޑަ މުއްދަތަކަށް ކުޑަ ފެއާތަކެއް ބާއްވަން. އެގޮތުން މިހާރު އަޅުގަނޑުމެން ވާނީ ސްކޫލްތަކުގައި ވެސް ރިކުއެސްޓް ކޮށްގެން ބަލާފައި،" ރަޔާހީން ވިދާޅުވި އެވެ.

ނޮވެލްޓީ ބުކްފެސްޓް ކުރިއަށް ދާނީ މިއަދުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އެވެ.