25 Sep 2014, 12:50
ފެނަކަ ކޯޕަރޭޝަނުން ކުރިއަށްގެންދާ "24 ގަޑިއިރު ކަރަންޓް ޔަގީންކޮށް ދިނުމުގެ މަޝްރޫއު" ގެ ދަށުން އައްޑޫ ސިޓީއަށް ބޭނުންވާ އިތުރު ފަސް ޖަނަރޭޓަރެއް ހޯދުމަށް ބަޔަކާއެކު ސޮއިކޮށްފިއެވެ.
އައްޑޫ ސިޓީއަށް ބޭނުންވާ އިތުރު ފަސް ޖަނެރޭޓަރު ހޯދުމަށް ބަޔަކާ އެކު ސޮއިކޮށްފައި ވަނީ "24 ގަޑިއިރު ކަރަންޓް ޔަގީންކޮށް ދިނުމުގެ މަޝްރޫއު" ގެ ދަށުން ފެނަކައިން މިހާރު ރާއްޖެއަށް ގެނެސްފައިވާ 77 ޖަނަރޭޓަރު އަތޮޅުތަކަށް ފޮނުވަން ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ފުޖިއަން ޔަނާން ޕަވާ ކޯޕަރޭޝަނާއި އޭއެލްއެމް އިންޖީނިއަރިން ނަމަކަށް ކިޔާ ކުންފުންޏަކާ އެކުގަ އެވެ.
ޗައިނާގެ ފުޖިއަން ޔަނާން ޕަވާ ކޯޕަރޭޝަނާއި އެކު ސޮއިކޮށްފައި ވަނީ ދެ މެގަވޯޓްގެ ދެ ޖަނަރޭޓަރު ސެޓު އައްޑޫ ސިޓީއަށް ފޯރުކޮށްދިނުމަށެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން ދެ ޖަނަރޭޓަރެއް އައްޑޫ ސިޓީއަށް ގެންނަ އިރު އެ މަޝްރޫގެ އަގަކީ 28.7 މިލިއަން ރުފިޔާ އެވެ.
އޭއެލްއެމް އިންޖީނިއަރިން އާއި އެކު ސޮއިކޮށްފައި ވަނީ އެއް މެގަވޯޓުގެ ތިން ޖަނަރޭޓަރު ސެޓު އައްޑޫ ސިޓީއަށް ފޯރުކޮށްދިނުމަށެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން ތިން ޖަނަރޭޓަރެއް އައްޑޫ ސިޓީއަށް ގެންނަ އިރު އެ މަޝްރޫގެ އަގަކީ 14 މިލިއަން ރުފިޔާ އެވެ.
ޗައިނާގެ ފުޖިއަން ޔަނާން ޕަވާ ކޯޕަރޭޝަން އަކީ 77 ޖަނަރޭޓަރު ގެނައުމުގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފައިވާ އެއް ފަރާތެވެ.