މަޝްވަރާއަށް އިތުރު ފުރުސަތުތަކެއް ލިބުމާ އެކު ޓީޗާސް އެސޯސިއޭޝަންއިން ކުރިއަށްގެންދަން ކުރިން ނިންމި އިހްތިޖާޖު ފަސްކުރަން ނިންމައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު ކުރަން ނިންމި އެ އިހުތިޖާޖު އޭރު ފަސްކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލުކުރެއްވުމަށް ފަހު ވަކިގޮތެއް ނިންމާގޮތަށެވެ.

ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް ފަހު ޓީޗާސް އެސޯސިއޭޝަންގެ ނައިބު ރައީސް އަބްދުﷲ ރާޒީ ސަން އަށް ވިދާޅުވީ އިހްތިޖާޖު ކުރިއަށްފެންދިޔުމާ މެދު ގޮތެއް ނިންމާނީ ސަރުކާރާ އެކު މިހާރު ކުރިއަށްދާ މަޝްވަރާތަކަށް ފަހު ކަމަށެވެ.

އޭނާ ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުކުރުމާ ގުޅޭ ގޮތުން އަންނަ މަހުގެ ތެރޭގައި އެ އެސޯސިއޭޝަންގެ ފަރާތުން ރައީސަށް ޕްރޮޕޯސަލްއެއް ހުށަހެޅުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން އެ ޖަމްއިއްޔާ އިން ފުރަތަމަ އިސްކަންދޭނީ އެކަން ކުރަން ކަމަށް ރާޒީ ވިދާޅުވި އެވެ.

"މިހާހިސާބަށް އަންނަން ޖެހުނީ މިނިސްޓްރީ އިން އެއްބާރުލުން ނުދީގެން، މިނިސްޓްރީ އިން ވާހަކަ ދައްކަން ބޭނުން ވެސް ނުވަނީ، މިހާރު ރައީސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ޔަގީންކަން ދެއްވި ދެން މިނިސްޓްރީ އިން ލިބެން ޖެހޭ ހުރިހާ އެއްބާރުލުމެއް މިހާ ހިސާބުން ފެށިގެން ލިބިގެންދާނެ ކަމަށް،" ރާޒީ ވިދާޅުވި އެވެ.

އެ ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވިގެންދިޔައީ ތިން ކަމެއް ކަމަށާއި އެއީ ޓީޗަރުންގެ މުސާރައިގެ ކަންތަކުގެ އިތުރުން ޓީޗާސް އެސޯސިއޭޝަންއަކީ ޓީޗަރުންގެ ޔޫނިއަންއެއްގެ ގޮތުގައި ސަރުކާރުން ބަލައިގަތުމަށާއި ކިޔަވާ ކުދިންގެ ރައްކާތެރި ކަމަށް ސަރުކާރުން ކޮށްދެއްވަންޖެހޭ ކަންކަމުގެ މައްޗަށް ކަމަށް ރާޒީ ވިދާޅުވި އެވެ.

ޖުމުލަ ގޮތެއްގައި އެބައްދަލުވުން ވަރަށް "ޕޮސިޓިވް" ކަމަށާއި އޭގެތެރެއިން މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރެއިން ބައެއް ކަންކަން މި އަހަރުގެ ތެރޭގައި ވެސް ހަމަޖެހިގެންދާނެ ކަމުގެ އިޝަރާތްތަކެއް ލިބިފައިވާ ކަމަށް ރާޒީ ވިދާޅުވި އެވެ.