މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުގެ ތެރޭގައި ހިމެނޭ މަތީތައުލީމާއި ތަމްރީނުގެ ކޯސްތަކުން އެންމެ މަތީ ވަނަ ހޯދާ ފަރާތްތަކުގެ ގިންތިއަށް ބަދަލު ގެނެސް އެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދާ ފަރާތްތަކުގެ ގިންތިއަށް ބަދަލު ގެނައީ އެ ބަޔަށް ނަން ހުށަހެޅުމުގެ ފުރުސަތު އިތުރަށް ފުޅާކުރުމަށް ކަމަށެވެ. އެ ގިންތީގެ ޝަރުތަށް ހާއްސަ އިނާމާ ބެހޭ ކޮމިޓީން ގެނެސްފައިވާ ބަދަލަކީ އެ ޝަރުތުގައި ހިމެނޭ ކޯހުގެ ކޮންމެ މާއްދާއަކުން ނުވަތަ މޮޑިއުލަކުން އެންމެމަތީ ދަރަޖަ ލިބިފައިވުން ކަމަށް އޮންނަ ޝަރުތު އުނިކުރުމެވެ. އަދި މިބަދަލު ގެނެސް މި ގިންތިއަށް އަލުން ނަން ހުށަހެޅުމުގެ ފުރުސަތު، ހާއްސަ އިނާމާ ބެހޭ ކޮމިޓީން މިއަދު ވަނީ ހުޅުވާލައިފަ އެވެ. މި ފުރުސަތު ހުޅުއްވައިލައްވާފައި ވަނީ، މިއަދުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 14 ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށެވެ.

މި ފުރުސަތު ހުޅުވާލި ކަމުގައިވިޔަސް، މިހާރު އިނާމަށް ނަން ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅަން ނުޖެހޭ ގޮތަށް އެކޮމިޓީން ވަނީ ނިންމަވާފަ އެވެ.

ހާއްސަ އިނާމާ ބެހޭ ކޮމިޓީން ގެނެސްފައިވާ މި އިސްލާޙާ އެކު، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދުމުގެ ގިންތިން އިނާމު ދިނުމަށް ހަމަޖެހިފައިވާ ޝަރުތުތަކުގެ ތެރޭގައި ފުރިހަމަކޮށްފައިވާ ކޯހުން، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށް ވުރެ މަތީ ލެވެލްގެ ސަނަދެއް ލިބިފައި (އޯޑިނަރީ ބެޗްލާސް ޑިގްރީއަކީ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް) ވުމާއި، އިނާމަށް ހުށަހަޅާ ސަނަދަކީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ ސަނަދަކަށްވުމާއި އިނާމަށް ހުށަހަޅާ ސަނަދަކީ، ކުރިން ހާސިލުކޮށްފައިވާ ސަނަދަކަށްވުރެ، ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށް ލެވެލެއްގެ ސަނަދަކަށްވުމާއި ހާސިލުކޮށްފައިވާ ސަނަދުން ހޯދާފައިވާ މާކްސްގެ ނުވަތަ ގްރޭޑުގެ އެވްރެޖް، އެ ސަނަދުގައި ދެވޭ އެންމެ މަތީ ދަރަޖައިގައި ހިމެނިފައިވުމާއި އެވްރެޖް މާކްސް ދަރަޖަ ކުރެވިފައި ނުވާނަމަ، 85 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން އެވްރެޖް މާކްސް ހޯދާފައިވުމާއި، ފުރިހަމަކުރި ކޯހުގައި ހިމެނޭ ބަޔަކަށް އެހެން ސަނަދެއް ދެވި، އެ ސަނަދަށް މި އިނާމު ލިބިފައި ނުވުމާއި ފުރިހަމަކުރި ކޯހުގައި އެއްވެސް މާއްދާއަކުން އެޑްވާންސްޑް ސްޓޭންޑިންގް ލިބިފައި ނުވުމާއި ފުރިހަމަކުރި ކޯހަކީ، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ކޯހެއްނަމަ، އިނާމަށް ކުރިމަތިލާ ދަރިވަރާ އެކު މަދުވެގެން 10 ދަރިވަރުން އެ ކޯހުން، އެ ބެޗުގައި ކޯސް ފުރިހަމަކޮށް ފާސްވެފައިވުމާއި، ފުރިހަމަކުރި ކޯހަކީ، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ އެއަށްވުރެ މަތީ ކޯހެއްނަމަ، އިނާމަށް ކުރިމަތިލާ ދަރިވަރާއެކު މަދުވެގެން 5 ދަރިވަރުން އެ ކޯހުން، އެ ބެޗުގައި ކޯސް ފުރިހަމަކޮށް ފާސްވާންޖެހުން އަދި އެއް ކެންޕަހަށްވުރެ ގިނަ ކެންޕަހުގައި އެއް ކޯހެއް ހިންގިނަމަ، ކޮންމެ ކެންޕަހެއްގައި، އެކުގައި ކިޔެވި ދަރިވަރުންގެ ގުރޫޕް ބެޗެއް ކަމަށް ބެލެވޭނެ ކަމަށް ވެސް ކަނޑައަޅައިފައިވެ އެވެ.