ތޫނިސް : ތޫނިސްގެ ރައްޔިތުންގެ އުތުރި އެރުމަކުން މަޤާމުން ދުރުކޮށް އަދި ޤައުމުން ބޭރުކޮށްލި އެޤައުމުގެ ކުރީގެ ރައީސް ޒައިނުލްޢާބިދީން ބިން ޢަލީ ގެ ތަޖައްމުޢުއްދަސްތޫރީ ޕާޓީގެ ސިޔާސީ އިސްފަރާތައް އިސްތިއުފާ ދެއްވުމާ ގުޅިގެން އެޕާޓީގެ ސިޔާސީ އޮނިގަނޑު ރޫޅިއްޖެވެ. ތަޖައްމުޢު ޕާޓީން ނެރުނު ބަޔާނެއް ބުނިގޮތުގައި އެޕާޓީގެ ސިޔާސީ ގޮފީގެ މެންބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން ޕާޓީގެ ސިޔާސީ އޮނިގަނޑު މިހާރުވަނީ އުވިފައެވެ. ތަޖައްމުޢު ޕާޓީގެ ސިޔާސީ ގޮފީގެ މެންބަރުން އިސްތިއުފާ ދެއްވީ ތޫނިސްގެ އާ ސަރުކާރުގައި ހިމެނޭ އެޕާޓީއަށް ނިސްބަތްވާ ވަޒީރުންވެސް އިސްތިއުފާ ދެއްވުމަށްފަހުގައެވެ. އަދި ތޫނިސްގެ ރައްޔިތުން ގެންދަނީ ޤައުމުން ބޭރުކޮށްލެވިފައިވާ ކުރީގެ ރައީސް ބިން ޢަލީގެ ޕާޓީ އުވާލުމަށް އެދި މުޒާހަރާ ކުރަމުންނެވެ.

ތޫނިސްގެ ވަގުތީ ރައީސް ފުއާދުލްމުބްޒައު ވަނީ ތޫނިސްގެ ވަގުތީ ސަރުކާރާއި ކުރީގެ ރައީސް ބިންޢަލީގެ ތަޖައްމުޢު ޕާޓީއާ އެއްވެސް ގުޅުމެއްނެތް ނެތްކަމަށް ވިދާޅުވެ ބިންޢަލީގެ ވެރިކަމުގެ ސަފްޙާ ދާއިމީ ގޮތަކަށް ލައްޕާލެވުނުކަން ހާމަކުރައްވާފައެވެ. އަނެއްކޮޅުން ތޫނިސްގެ ސިފައިންވަނީ ސިއްރިޔާތުގައި ޤައުމުން ފިލަން މަސައްކަތްކުރި ބިންޢަލީގެ ޢާއިލާގެ ގިނަޢަދަދެއްގެ މެންބަރުން ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ބިންޢަލީގެ އަނބިކަނބަލުން ލައިލާގެ ގާތްތިމާގެ ބޭފުޅުންވެސް ހިމެނެއެވެ. މިފަރާތްތައް ފިލަން މަސައްކަތްކުރީ ސަރަޙައްދީ ރޮނގު ހުރަސްކޮށް އަވަށްޓެރި ލީބިޔާއަށް ގޮސްގެންނެވެ. ވެރިކަން ދޫކޮށްލެއްވުމަށްފަހު މިދިޔަ ހުކުރުދުވަހު ބިންޢަލީ ކުއްލި ގޮތެއްގައި ޤައުމުން ފިލާވަޑައިގެންނެވީ އޭނާގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ފަށާފައިވާ އުތުރުއެރުން ކޮންޓްރޯލްނުވެ ވެރިކަން ވެއްޓި އަމިއްލަ ފުރާނަފުޅަށް ނުރައްކާވެދާނެކަމުގެ ބިރު ހީވެވަޑައިގެންނެވެ. ބިންޢަލީ އާއި އޭނާގެ ޢައިލާ ފިއްލަވައިގެން ވަޑައިގެންނެވީ ސައޫދީ އަރަބިޔާއަށެވެ.