އދ. މަޖިލިސް (ސެޕްޓެމްބަރ 25) : ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވުމަށް އެހެން ގައުމުތަކުންދާ ހަނގުރާމަވެރިން ހުއްޓުވައި އެމީހުންގެ ހަރަކާތްތަކަށް ހުރަސްއެޅުމަށް ގޮވާލާ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފި އެވެ.

ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 މެންބަރުންގެ އިއްތިފާގުން ރޭ ފާސްކުރި މިގަރާރު އދ.ގެ މެންބަރު ގައުމުތަކަށް ގޮވާލަނީ ބާރުގެ ބޭނުންކޮށްގެން ނަމަވެސް ހަނގުރާމަތަކުގައި ބައިވެރިވުމަށް ދަތުރުކުރާ އެހެންގައުމުތަކުގެ ހަނގުރާމަވެރިންގެ ދަތުރު ފަތުރަށް ހުރަސްއަޅައި އެމީހުން ދިޔަނުދި ހިފެހެއްޓުމާއި އެފަދަ މީހުންގެ ތަމްރީންތައް ވެސް ހުއްޓުވުމަށެވެ.

އދ.ގެ ޗާޓަރުގެ ޗެޕްޓާ 7ގެ ދަށުން ސަލާމަތީ މަޖިލީހުން ފާސްކުރި މިގަރާރަކީ އދ. ގެ މެންބަރުންގެ ގޮތުގައި މިހާރުތިބި 193 ގައުމަށް ތަންފީޒުކުރަން މަޖްބޫރު ގަރާރެކެވެ. މިގަރާރު ތަންފީޒު ކުރުމަށް ދެކޮޅުހަދާ ގައުމަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ވެސް ސަލާމަތީ މަޖިލީހަށް ލިބިގެންވެ އެވެ. މިއީ އެމެރިކާ އިން ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރުގެ ދެލިކޮޕީ އަށް ގެނައި ބައެއް އިސްލާޙްތަކާ އެކު ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 މެންބަރުންގެ އިއްތިފާގުން ފާސްކުރި ގަރާރެކެވެ. މިގަރާރު ފާސްކުރި ސަލާމަތީ މަޖިލީހުގެ ޖަލްސާ އަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި ދުނިޔޭގެ ބައެއް ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ރައީސުން ޙާޒިރުވެވަޑައިގެންފައިވެ އެވެ.

އޮބާމާއާއި ދުނިޔޭގެ އެތައް ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި އިސްވެރިން ސަލާމަތީ މަޖިލީހުގެ މިޖަލްސާ އަށް ޙާޒިރުވީ އދ.ގެ މައިމަރުކަޒުގައި މިހާރު ކުރިޔަށްދާ ޖެނެރަލް އެސެމްބްލީގެ 69 ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމުގައި އުޅުއްވަމުންނެވެ.

މިގަރާރު ފާސްކުރުމަށް ބޭއްވި ސަލާމަތީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ހަރަކާތްތެރިވާ އެކި ޖަމާއަތްތަކުގައި ބައިވެރިވުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ބައިލައްކައެއްހާ މީހުން ޖިހާދުގެ ނަމުގައި ސޫރިޔާ އަށް ގޮސްފައިވާ ކަމުގަ އެވެ. އަދި ސޫރިޔާގެ ދާޚިލީ ހަނގުރާމަ، ނުރައްކާތެރި ލޭއޮހޮރުވުން ބޮޑު ހަނގުރާމައަކަށް ބަދަލު ވެގެންދިޔައީ ދުނިޔޭގެ އެކި ގައުމުތަކުން ޖިހާދީންގެ ނަމުގައި ސޫރިޔާއަށް ދިޔަ ހަރުކަށި ހަނގުރާމަވެރިންގެ ސަބަބުން ކަމަށާއި ހަނގުރާމަވެރިންގެ ހަރަކާތްތައް ހުއްޓުވުމަށް ޓަކައި ދުނިޔޭގެ ގައުމުތަކުން ގާނޫނުތައް ހަދައި ތަންފީޒު ކުރަން ޖެހޭ ކަމަށާއި ސަލާމަތީ މަޖިލީހުގެ ގަރާރު އެކަމަށް ބާރުއަޅާކަމުގަ އެވެ. ޖިހާދުގެ ނަމުގައި ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ބައިވެރިވުމަށް މީހުންދާ ގައުމުތަކުގެ ތެރޭގައި އެމެރިކާ ވެސް ހިމެނެ އެވެ.

އޮބާމާ މިމޭރުމުން ވާހަކަ ދައްކަވާފައިވާ އިރު އެމެރިކާ ގެންދަނީ ސޫރިޔާގައިވާ އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ޖަމާއަތުގެ މަރުކަޒުތަކަށް ވައިގެ މަގުން ޙަމަލާތައްދީ ނުރައްކާތެރި ހަނގުރާމައެއް ކުރަމުންނެވެ. އެމެރިކާ އިސްވެ އޮވެގެން ކުރަމުންގެންދާ މިހަނގުރާމައިގާ ސޫރިޔާގެ ކުށެއްނެތް އާންމު ރައްޔިތުން ގިނަ އަދަދަކަށް މަރުވަމުންދާ އިރު އެމެރިކާގެ މިޙަމަލާތަކަކީ ވެސް ސޫރިޔާގެ އާންމުންނާ ދެކޮޅަށް ހަނގުރާމަވެރި ޖަމާއަތްތަކުން ހިންގަމުން ގެންދާ ފަދަ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ސިފަކުރެ އެވެ.

އަނެއްކޮޅުން އައިއެސް ޖަމާއަތް ފަދަ ބަދަލު ހިފުމުގެ ރޫހުގައި ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތްތައް އުފެދިގެން ދިޔައީ އެމެރިކާ އިރާގަށް ގަދަބާރުން އަރައި އެގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާވެރި އަމަލުތަކާއި ހަނގުރާމައިގެ ޖަރީމާތަކުގެ ސަބަބުން ކަމަށް މުޙައްލިލުން ބުނެ އެވެ. (އަލްޖަޒީރާ)