ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ކެނެރީގެ އަށް ކަޅުތެޔޮޖަހައި އަދި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ ކާރަށާއި އެމްޑީޕީގެ އޮފީހަށް ވެސް ގެއްލުންތަކެއް ދީފި އެވެ.

ފުލުހުން ބުނީ އަލީ ވަހީދުގެ ކާރަށް ގެއްލުންދީ އެމްޑީޕީގެ އޮފީހަށް ގެއްލުންދީފައި ވަނީ ރޭގެ ދަންވަރު 3:00ގައި ކަމަށެވެ.

އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލް އަހްމަދު އަކްރަމް ސަން އަށް މިއަދު ވިދާޅުވީ އެމްޑީޕީގެ އޮފީހުގެ ދެވަނަ ފަންގިފިލާގެ ދެ ބިއްލޫރިގަނޑެއް ތަޅާލުމުގެ އިތުރުން އެމްޑީޕީ އޮފީހުގެ ނަން ބޯޑަށް ވެސް ގެއްލުންތަކެއްދީފައިވާ ކަމަށެވެ.

އަލީ ވަހީދުގެ ކާރަށް ގެއްލުންދީފަ

އޭގެ އިތުރުން އޭނާ ވިދާޅުވީ އެ ޕާޓީގެ ރައީސްގެ ގެކޮޅުގެ ގޯތިތެރެ އަށް ވެސް ބަޔަކު ކަޅުތެޔޮ ޖަހާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ނުވާ ކަމަށް ފުލުން ވަނީ ބުނެފަ އެވެ.

ފުލުހުން މިހާރު ދަނީ އެމްޑީޕީ އޮފީހަަށާއި އަލީ ވަހީދު ކާރަށް ގެއްލުންދިން މައްސަލަ ބަލަމުންނެވެ. އަލީ ވަހީދުގެ ކާރަށް ގެއްލުން ދިން މައްސަލާގައި އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެކަން ކުރާ މީހުންނަށް ނުވިސްނެނީ ކަމަށާއި އަދި ވިސްނޭނެ ކަމަށެވެ.

"މިކަން ކުރާ މީހުންނަށް އަދި ނުވިސްނެނީ އަދި ވިސްނޭނެ،" އަލީ ވަހީދުގެ ޓުވިޓެއްގައި ވިދާޅުވެފައިވެ އެވެ.

އެމްޑީޕީ އޮފީހުގެ ބިއްލޫރި ގަނޑު ރޭގައި ތަޅާލާފައިވާ އިރު ބުދަ ދުވަހުގެ ރޭގައި ވެސް ވަނީ އެ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލާފަ އެވެ.