އަބޫޖާ (ސެޕްޓެމްބަރ 25) : ނައިޖީރިޔާގައި މަގުފޭރުމާއި މީހުން މެރުމާއި މީހުން ވަގަށް ނެގުމާ އަދި ބޮންގޮއްވުމުގެ ހަރަކާތްތައް ހިންގާ ނުރައްކާތެރި ޖަމާއަތެއް ކަމަށްވާ ބޫކޫ ހަރާމް ޖަމާއަތުގެ ހައްދުފަހަނަޅާފައިވާ ލީޑަރު އަބޫބަކުރު ޝިކާއޮ މަރާލެވިއްޖެކަން އެގައުމުން ހާމަކޮށްފި އެވެ.

ނައިޖީރިޔާ ސިފައިންގެ ތަރްޖަމާނެއް ކަމަށްވާ ޖެނެރަލް ކްރިސް އޮލޮކޮލާދީ ވިދާޅުވި ގޮތުގައި އަބޫބަކުރު ޝީކާވް މަރާލެވުނީ ބޫކޫ ހަރާމް ޖަމާއަތް ނައްތާލުމަށް ޓަކައި ސިފައިން ހިންގަމުންގެންދާ އަސްކަރީ އޮޕަރޭޝަންތަކުގެ ތެރެއިން ނައިޖީރިޔާގެ އުތުރުގައި މިހަފްތާގައި ކުރި ވަރުގަދަ ހަނގުރާމައެއްގައި ބަދަލުކުރެވުނު ޙަމަލާތަކެއްގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިޙަމަލާތަކުގައި މަރުވެފައިވާ ބޫކޫ ހަރާމްގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިންގެ ތެރޭގައި އަބޫބަކުރު ޝިކާވްގެ ހަށިގަނޑާ މުޅިން އެއްވައްތަރުގެ ހަށިގަނޑެއް ފެނިފައިވާތީ އެއީ އޭނާކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމުގަ އެވެ.

ނައިޖީރިޔާގެ އަންހެން ކުދިންގެ ސްކޫލެއްގެ ބޯޑިންގް އަށް އަރައިގަނެ ގިނަ އަދަދެއްގެ އަންހެން ކުދިންތަކެއް ވަގަށް ނަގައި އެކުދިން އަޅުންގެ ގޮތުގައި ވިއްކާލާނެކަމުގެ އިންޒާރު ދީފައިވާ ބޫކޫ ހަރާމް ޖަމާއަތުގެ ލީޑަރު އަބޫބަރުކު ޝީކާވްއަކީ ކޮންމެ ފަދަ ކަމެއްކުރަން ވެސް ޖެހިލުންނުވާ ނުރައްކާތެރި މިޒާޖެއްގެ ޝަޚްސިއްޔަތެއް ކަމަށްވެ އެވެ. ވަގަށް ނަގައިގެން އުޅޭ އަންހެންކުދިން އަޅުންގެ ގޮތުގައި ވިއްކާލާނެކަމުގެ އިންޒާރު ދީފައިވީ ނަމަވެސް ފަހުން އެޖަމާއަތުން ވަނީ ނައިޖީރިޔާގެ ސިފައިންގެ އަތްދަށުގައި ހައްޔަރުކޮށްފައިވާ އެ ޖަމާއަތުގެ ހަނގުރާމަވެރިން މިނިވަން ކުރުމުން އެކުދިން މިނިވަންކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ނައިޖީރިޔާގެ ސިފައިން ދާދިފަހުން ވަނީ އޭގެ ތެރެއިން ބައެއް އަންހެންކުދިން މިނިވަންކޮށްފަ އެވެ.

ނައިޖީރިޔާގެ އުތުރުގައި ސިފައިންނާއި އެޖަމާއަތާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ކޮމާންޑަރެއްގެ ގޮތުން ހަރަކާތްތެރި ވަނީ އަބޫބަކުރު ޝިކާވް ކަމަށް އެޖަމާއަތުން ބުނެ އެވެ. ބޫކޫ ހަރާމް ޖަމާއަތް ނައްތާލުމަށް ޓަކައި ނައިޖީރިޔާ ސިފައިން މިހާރު ހިންގަމުން ގެންދާ ޢަސްކަރީ އޮޕަރޭޝަންތައް ކާމިޔާބު ކަމަށާއި އެ ޖަމާއަތުގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރާލެވުމުގެ އިތުރުން އެ ޖަމާއަތުގެ އެތައް ސަތޭކަ ހަނގުރާމަވެރިން އަސީރުންގެ ގޮތުގައި ހައްޔަރުކުރެވިފައިވާ ކަމަށް ވެސް ޖެނެރަލް އޮލޮކޮލާދީ ވިދާޅުވި އެވެ.

ނަމަވެސް ނައިޖީރިޔާގެ ޖާސޫސީ އިދާރާ ބުނާ ގޮތުން ބޫކޫހަރާމްގެ ލީޑަރު އަބޫބަކުރު ޝީކާވް މި އަހަރުގެ ކުރީކޮޅު ވަނީ ސިފައިންގެ ހަމަލާއެއްގައި މަރުވެފަ އެވެ. އެހެންކަމުން ނައިޖީރިޔާގެ ސިފައިން މިހާރު ކުރިޔަށްގެންދާ އޮޕަރޭޝަންގައި މަރުވެފައި ވަނީ އޭނާއާ އެއްވައްތަރު ގޮތަށް މޭކަޕްކޮށްގެން އުޅޭ އެޖަމާއަތުގެ އެހެން ކޮމާންޑަރެއް ކަމުގަ އެވެ. އަބޫބަކުރު ޝީކާވްގެ ނަމުގައި އޭނާގެ ސިފަޖެހިގެންއުޅޭ އެޖަމާއަތުގެ އެހެން ލީޑަރުން އަދި ވެސް އުޅޭ ކަމަށް ނައިޖީރިޔާގެ ޖާސޫސީ އިދާރާއިން ލަފާކުރެ އެވެ. ދެ ހާސް ނުވަ ވަނަ އަހަރު ވެސް އަބޫބަކުރު ޝިކާވް މަރާލެވުނު ކަމަށް ނައިޖީރިޔާގެ ބައެއް މަސްއޫލުވެރިން ހާމަކުރައްވާފައިވެ އެވެ. ނަމަވެސް ސިފައިންގެ ރަސްމީ ފަރާތަކުން އެފަހަރު އެކަން ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.

ނައިޖީރިޔާގެ ފަގީރު އަދި އެކަހެރި އަވަށްތަކުގެ އާންމުންނަށް ހަމަލާދީ މަގުފޭރުމާއި މީހުން މެރުމާއި އަންހެން ކުދިން ވަގަށް ނަގައި އެކުދިން އަޅުވެތިކުރުން ފަދަ ހަރުކަށި ޖަރީމާތައް ހިންގަމުންގެންދާ ހައްދުފަހަނަޅާފައިވާ މިޖަމާއަތާ ދެކޮޅަށް ހުޅަނގު އެފްރިކާގެ ގައުމުތަކުން މިއަހަރު ކުރީކޮޅު ވަނީ ހަނގުރާމަ އިއްލާންކޮށްފަ އެވެ. ބަދަލު ހިފުމުގެ ރޫހެއްގައި ހަރަކާތްތެރިވާ ބޫކޫ ހަރާމް ޖަމާއަތް އުފެދުނީ 2009 ވަނަ އަހަރުގަ އެވެ. އެޖަމާއަތުން ގެންދަނީ އިރާގުގެ އައިއެސް ޖަމާއަތުން އިޢްލާންކުރި ގޮތަށް އިސްލާމީ ޚިލާފަތުގެ ނަމުގައި ޚިލާފަތެއްވެސް އިޢްލާންކޮށްފަ އެވެ. (ރޮއިޓާސް)