އަންނަ އަހަރު މާލޭގެ އިތުރުން ރާއްޖޭގެ އިތުރު ފަސް ރަށެއްގައި އިރުން ހަކަތަ އުފައްދާ ނިޒާމް ނުވަތަ ސޯލާ ޕެނަލް ގާއިމްކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

"24 ގަޑިއިރު ކަރަންޓު ޔަގީންކޮށް ދިނުމުގެ މަޝްރޫއު" ގެ ދަށުން ފެނަކައިން ގެނެސްފައިވާ 77 ޖަނަރޭޓަރު ރަސްމީކޮށް އަތޮޅުތަކަށް ފޮނުވަން ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޑީސަލް ކަރަންޓުގެ އިތުރުން ކަރަންޓު ލިބޭނެ ގޮތްތައް ހޯދުމަށް އެންވަޔަރަންމަންޓް މިނިސްޓްރީއާ ގުޅިގެން ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އޭގެ ބޭނުމަކީ ޑީސަލް އާއި ދުރަށް ދިއުން ކަމަށެވެ.

"މީގެ ބޭނުމަކަށް ވާނީ ކަރަންޓު ރައްޔިތުންނަށް ލިބޭ އަގު ހެޔޮވެގެން ދިއުން. މިހާރު ދަންނަވަން އުނދަގޫ އަންނަ އަހަރު ކިހާވަރަކަށް ކަރަންޓު އަގުހެޔޮ ވާނެކަން. އެހެން ނަމަވެސް މި ހުރިހާކަމެއް ހަމަޖެހިގެންދާ އިރު އަތޮޅުތަކުގެ ތެރޭގައި ވެސް ކަރަންޓުގެ ޚިދުމަތް އަގު ހެޔޮވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

އައްޑޫ ސިޓީއަށް ވެސް އިތުރު ޖަނަރޭޓަރުތަކެއް ގެންދިއުމުގެ އެއްބަސްވުމެއްގައި މިރޭ ފެނަކައިން ދެ ކުންފުންޏަކާ އެކު ސޮއިކޮށްފައިވާ އިރު ރައީސް ވިދާޅުވީ ސޯލާޕެނަލްތައް ހަރުކުރުން ކުރިއަށް ގެންދާ އިރު އައްޑޫ ސިޓީގައި ވެސް ސޯލާ ޕެނަލްގެ ޚިދުމަތް ގާއިމްކުރާނެ ކަމަށާއި އޭގެ ސަބަބުން މުޅި އައްޑޫ ސިޓީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބަޔަށް އިރުގެ ހަކަތައިން ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޑީސަލްތެޔޮ ބޭނުންކޮށްގެން ދާއިމީ ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަކީ ކަރަންޓު ދިނުމަށް އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށެވެ.