މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲ ގެއްލުނު މައްސަލައާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކު (އެމްޑީއެން)އިން ނެރުނު ރިޕޯޓުގެ ސަބަބުން މީހެއްގެ އަބުރަށް، ނަފްސަށް ނުވަތަ ހައްގަކަށް ގެއްލުމެއް ލިބިފައިވާނަމަ އެ މައްސަލަ ބަލައި އެ ތުހުމަތުން އެފަދަ މީހުން ބަރީއަކޮށްދިނުމަށް ފުލުހުންގެ ކިބައިން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވަނީ، އެމްޑީއެން އިން ނެރެފައިވާ އެ ރިޕޯޓު ރަނގަޅަށް ބަަލައި ތަހުގީގު ކުރުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

"އަޅުގަނޑު އެދެން ފުލުހުން އެ މައުލޫމާތު ބައްލަވައި އޭގެއިން ގޯސް މައުލޫމާތެއް ވާނަމަ، ރަނގަޅު ނޫން ވާހަކައެއް ދެކެވިފައިވާނަމަ އެ ވާހަކަތައް ފާހަގަކުރައްވައި އަދި މި ޑިމޮކްރެސީ ނެޓްވޯކުން ނެރުއްވާފައިވާ ރިޕޯޓުގެ ސަބަބުން އެއްވެސް ބޭފުޅެއްގެ އަބުރަށް ނަފްސަށް ހައްގަކަށް ގެއްލުމެއް ލިބިފައިވާނަމަ ނުވަތަ ލިބޭނަމަ އެކަމެއް ވެސް ފުލުހުން ބައްލަވައި އެކަމެއް ރަނގަޅަށް ތަހުގީގުކޮށްދެއްވައި އަދި ތުހުމަތުތަކުން ތުހުމަތު ކުރެވިފައިވާ ބޭފުޅުން ބަރީއަކޮށްދިނުމަށް ފުލުހުން މަސައްކަތް ކޮށްދިނުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރިޟުވާން ގެއްލުނުތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އޭނާ ގެއްލުނު ގޮތާ ގުޅޭގޮތުން އެކަށީގެންވާ ޖަވާބެއް ފުލުހުންނަށް ދެވިފައިނުވާ ކަމަށެވެ.

ރިޟުވާން ގެއްލުނު މައްސަލައާ ގުޅިގެން ޑިމޮކްރެސީ ނެޓްވޯކުން ތަހުގީގު ރިޕޯޓެއް އާންމުކޮށްފައި ވަނީ ފުލުހުންގެ ތަހުގީގަށް އެކަށީގެންވާ ކުރިއެރުންތަކެއް ހޯދިފައި ނުވާތީ ކަމަށާއި، އެ ރިޕޯޓުގައިވާ މައުލޫމާތުތަކުގެ އަލީގައި ފުލުހުންގެ ތަހުގީގު ކުރިއަށްގެންދިޔުމަކީ އެދެވިގެންވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީއެން އިން ނެރެފައިވާ ރިޕޯޓުގެ ސަބަބުން ފުލުހުންގެ ތަހުގީގަށް ހުރަސް އެޅޭނެކަމަށް އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ފުލުހުންގެ ތަހުގީގުގަށް އިތުރު ކުރިއެރުންތައް ހޯދޭނެ ބަޔާނެއްގެ ގޮތުގައި އެ ރިޕޯޓު ބޭނުންކުރުމަށް އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވިއިރު ދާދިފަހުން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އެމްޑީއެންގެ އެ ރިޕޯޓަކީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ނެރެފައިވާ އެއްޗެއް ކަމަށާއި އެ ރިޕޯޓުގެ ސަބަބުން ފުލުހުންގެ ތަގުގީގަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ނެރެފައިވާ ރިޕޯޓެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.