25 Sep 2014, 00:18
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުމަށްޓަކައި ޖެހި 30 ޕެނަލްޓީ ފެނިގެންދިޔަ އިނގިރޭސި ކެޕިޓަލް ވަން ކަޕް މެޗުގައި މިޑްލްސްބަރާ މައްޗަށް ލިވަޕޫލުން އުނދަގޫ މޮޅެއް ހޯދައިފި އެވެ.
ޕްރިމިއާ ލީގުގައި ވެސްޓް ހޭމް އަތުން ބަލިވި މެޗަށްފަހު އަންގާރަ ދުވަހުގެ ރޭ ކުޅުނު ކެޕިޓަލް ވަން ކަޕްގެ މެޗުގައި ޕެނަލްޓީ ޖަހައިގެން މިޑްލްސްބަރާ މައްޗަށް ކުރި ހޯދައި ލިވަޕޫލުން ވަނީ ކެޕިޓަލް ވަން ކަޕުގެ ހަތަރުވަނަ ބުރުން ޖާގައެއް ކަށަވަރު ކޮށްފައެވެ. ލިވަޕޫލުން މެޗް ކާމިޔާބުކުރީ 120 ވަނަ މިނެޓް ކުޅެ 2-2 ން ދެޓީމް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށްްޓަކައި ޖެހި ޕެނަލްޓީ ގައި 14-13 ން ކުރި ހޯދައިގެންނެވެ.
މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑު ނެގީވެސް ލިވަޕޫލުންނެވެ. ފުރަތަމަ ހާފު ފަށައިގެން 10 ވަނަ މިނިޓުގައި އެޓީމަށް ގޯލް ޖަހައިދިނީ 17 އަހަރުގެ ޒުވާން ފޯވަޑް ޖޯޑަން ރޮސިޓާ އެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައެވެ.
ދެވަނަ ހާފުގެ 63 ވަނަ މިނިޓުގައި އެޑަމް ރީޗްގެ ގޯލުން މިޑްލްސްބަރާ އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.
މެޗުގެ 90 މިނެޓް ހަމަވިއިރު 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރުވެފައި އޮތުމުން ކުޅުނު އެކްސްޓްރާގެ ފުރަތަމަ ހާފުގައި ލިވަޕޫލުން އަނެއްކާވެސް ލީޑު ނެގިއެވެ. މިފަހަރު ގޯލް ޖެހީ 109 ވަނަ މިނުޓުގައި ސޫސޯ އެވެ. ނަމަވެސް އެކްސްޓްރާގެ ދެވަަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއްނުވެ 120 ވަނަ މިނުޓުގައި ބެމްފޯޑް ވަނީ ގޯލް ޖަހައި މެޗުގައި ދެވަނަ ފަހަރަށް މިޑްލްސްބަރާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ނަތީޖާ ކަނޑައެޅުމަށްޓަކައި ޖެހި ޕެނަލްޓީގައި ލިވަޕޫލް ކުރި ހޯދީ 14-13 އަކުންނެވެ. 30 ޕެނަލްޓީ ޖެހިއިރު މިއީ މިހާރު ރެކޯޑެކެވެ.
މެޗަށްފަހު ވާހަކަދައްކަމުން ލިވަޕޫލް ކޯޗު ބްރެންޑަން ރޮޖާސް ބުނީ ކޮންމެ ފަދަ ހާލަތެއްގައި ނަމަވެސް މޮޅުވުމުން ހިތްހަމަޖެހޭކަމަށާއި ކުރިއަށް އޮތް މެޗުތަކުގައި ރަނގަޅު ކާމިޔާބީ އެއް ހޯދޭނެކަމުގެ ޔަޤީންކަން އެބަ އޮތްކަމަށެވެ.
ލިވަޕޫލް ކެޕިޓަލް ވަން ކަޕުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދިއިރު ވާދަވެރި އާސެނަލް ވަނީ ސައުތުހެމްޕްޓަން އަތުން 2-1 ބަލިވެ މުބާރާތާ އަލްވަދާޢު ކިޔާފައެވެ. މެޗުގެ 14 ވަަނަ މިނިޓުގައި އެލްކްސިޒް ސަންޗޭޒްގެ ގޯލުން އާސެނަލް ލީޑު ހޯދާފައިވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައި ސައުތުހެމްޕްޓަން އިން ވަނީ ހަތަރު ވަނަ ބުރުން ޖާގަ ކަށަަވަރު ކޮށްފައެވެ.
ސައުތުހެމްޕްޓަން އަށް ގޯލް ޖަހައިދިނީ 20 ވަނަ މިނިޓުގައި ޑުސަން ޓެޑިޗް އާއި 39 ވަނަ މިނިޓުގައި ކްލައިން އެވެ.
ކެޕިޓަލް ވަން ކަޕުގައި އަންގާރަ ދުވަހުގެރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސްވަންްސީ ސިޓީ ވަނީ 3-0 ން އެވަޓަން ގެ މައްޗަށް ކުރި ހޯދާފަައެެވެ. ސަންޑަލޭންޑްގެ މަައްޗަށް ސްޓޯކް ސިޓީން ކާމިޔާބު ހޯދިއިރު ބޯންމައުތު ބަލިކޮށް ކާޑިފް ސިޓީ ވެސް ވަނީ ހަތަރުވަނަ ބުރުން ޖާގަ ހޯދާފައެވެ.