ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ޒަރެއްގެ މިންވަރު ރައްޔިތުން ދިނަސް ރާއްޖެ ބަދަލު ކުރާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް "އަނެއް ދިވެހި ރާއްޖެ ރަށަށް" މި ނަމުގައި މިރޭ އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ އޮތް ހާލަތުން ރާއްޖެ ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެމްޑިޕީއަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް ދޭން ޖެހެނީ މި ސަރުކާރުން މިހާތަނަށް މެދުކެނޑުމެންނެތި ވައުދުފުއްދުމުގައި ކޮށްފައިވާ މަސައްކަތައްކަށް ބެލުމަށްފަހުގައި ކަމަށާއި އެމްޑީޕީއަށް ޒައްރެއްގެ މިއްވަރު ލޯކަލް ކައުންސިލް އިންތިހާބުގައި ދިނަސް މި ރާއްޖެ ބަދަލު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ވޭތުވެދިޔަ ދެ އަހަރު ދުވަހު ސަރުކާރުން ހޯދައިފައިވާ ކާމިޔާބީތަކަށް އަލިއަޅުވާލައްވައި ރައީސް ނަޝީދު ވިދާޅުވީ ބޭސް ސިޓީއަށް ސަލާޖެހުން މަދުކޮށް މަދަނައިގެ ހިދުމަތާއެކު ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަން ހޯދައިދާދީފައިވާ ކަމަށާއި މަސްތުވާތަކެތި ރާއްޖޭގައި ބޭނުންކުރާ ކުދިންގެ އަދަދު 45 ޕަސެންޓް މަދުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބޯހިޔާވަހިކަން ހައްލެއް ހޯދައިދިނުމަށް ރާއްޖޭގައި 1،650 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށާއި ރަށު ބަންދުން ރައްޔިތުން ސަލާމަތްކޮށް، ވިޔަފާރިއާއި އެހެނިގެން ބޭނުންތަކުގައި ދަތުރުފަތުގެ ނިޒާމްގެ ދަށުން 360688 މީހުން ކަނޑު ދަތުރު ކުރަން ފަށާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ދަތުރުފަތުރުގެ ނިޒާމުން ހަރުދަނާ ކުރުމަށްޓަކައި 42 ބަނދަރު ހަދާފައިވާ ކަމަށާއި އަތޮޅު ތެރޭގެ ބޯހިޔާވަހި ހައްލު ހޯދުމަށް ހަތް ރަށެއްގެ ބިން ހިއްކާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ދެ އަހަރު ދުވަހުގެ ތެރޭ ރައްޔިތުންނަށް މި ސަރުކާރުން ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ބަލައި މި ސަރުކާރަށް ރިޕޯޓެއް ދިނުމަށް ރައީސް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.