25 Sep 2014, 00:11
އިސްލާމިކް މިނިސްޓްރީން ގާއިމްކޮށްފައިވާ "ވަގުފު ފަންޑު"ގެ 10 ބުރީގެ އިމާރާތް އެޅުމަށް ކުވެއިތުގެ އިސްލާމިކް މިނިސްޓްރީން ދޭން ބުނި ހަ މިލިއަން ރުފިޔާ ދީފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ކުވެއިތުން ހަދިޔާ ކުރަން ބުނި އެ ފައިސާ މިހާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ޖަމާކޮށްފައިވާ ކަމަށެވެ.
"ދާރުލް އީމާން"ގެ ނަމުގައި އެޅުމަށް ހަމަޖެހިފައިވާ 10 ބުރީގެ އިމާރާތަކީ ވަގުފު ފަންޑު މުއްސަނދި ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން އެޅުމަށް ނިންމާފައިވާ އިމާރާތެކެވެ. އެ އިމާރާތް އެޅުމަށް ހަމަޖެހިފައި ވަނީ މާފަންނު މަދަރުސާ އާއި ރާވެރިޔާ ރެސްޓޯރެންޓާ ދެމެދުގައި އޮންނަ ހުސް ބިމުގަ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.
އިމާރާތް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި ދުވަހު އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ "ދާރުލް އީމާން" އިމާރާތަކީ މިޒަމާނުގެ ވަސީލަތްތައް ބޭނުންކޮށްގެން އޮފީސް އިމާރާތެއް ގާއިމްކުރުމަށް ހަމަޖެހިފައިވާ އިމާރާތެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެ އިމާރާތުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމިގެންދާނެ ކަމަށާއި އިމާރާތުގެ މަސައްކަތް ނިމުމުން އެ އިމާރާތް ކުއްޔަށް ދީގެން ލިބޭ ފައިސާ ވަގުފު ފަންޑަށް ޖަމާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ އިމާރާތުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ އަހަރަކު އިސްލާމިކް މިނިސްޓްރީގެ މިސްކިތްތަކުގެ ފަންޑަށް ލިބިގެންދާނެ ކަމަށާއި އެ އިމާރާތަކީ 23 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ އިމާރާތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.