24 Sep 2014, 21:11
އާސެނަލަށް ކުޅެން ފެށިފަހުން ރަނގަޅު ކުޅުމެއް ފެނިފައި ނުވާކަމަށް ގިނަ ބަޔަކު ދައްކަމުން ދިޔަ ވާހަކަ ތަކަށް ރައްދު ދެމުން އެއްވެސް ކަމެއް ސާބިތު ކޮށްދޭން ނުޖެހޭ ކަމަށް އެޓީމުގެ ޖަރުމަނު މިޑްފީލްޑަރު މެސުޓް އޮޒިލް ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން އާސެނަލް ބަލިވުމާ ގުޅިގެން އެ ކްލަބުގެ ސަޕޯޓަރުން ވަނީ އޮޒިލްގެ ކުޅުމާމެދު ސުވާލު ކޮށް ފާޑު ކިޔައިފައެވެ.
ކުރިން ރެއާލް މެޑްރިޑަށް ކުޅުން އޮޒިލް މިސީޒަންގައި އާސެނަލްއާ ގުޅުނީ ކްލަބް ރެކޯޑް ފީއެއް ކަމަށްވާ 42 މިލިއަން ޕައުންޑަށެވެ.
ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒު ވެފައިވައި ވަނިކޮށް އޮޒިލް ވަނީ މިމަހުގެ 20 ގައި އެސްޓަން ވިލާއާ ދެކޮޅަށް އާސެނަލް ކުޅުނު ޕްރިމިއާ ލީގު މެޗުގައި ލަނޑު ޖެހުމުގެ އިތުރުން އެ މެޗުގައި ޑެނީ ވެލްބެކަށް ލަނޑު ޖެހުމަށް އެސިސްޓެއް ކޮށްދީ 3-0 ލަނޑުން އާސެނަލް މޮޅުކޮށްދީފައެވެ.
އޮޒިލް ބުނީ ކުޅުމާ މެދު އެއްވެސް ބަޔަކަށް އެއްޗެއް ސާބިތު ކޮށްދޭން ނުޖެހޭ ކަމަށާއި މީހުންގެ ފާޑުކިޔުން އަބަދުވެސް އޭނާއަށް ލިބޭ ކަމަށެވެ.
"އަހަރެން ކުޅެނީ އެއްގޮތަކަށްވެސް އެއްޗެއް ސާބިތުކޮށް ދޭކަށް ނޫން. އަހަރެން ކުޅެނީ ޓީމަށްޓަކައި. ރެއާލްގައި އުޅުނު އިރުވެސް އަހަރެންނަށް މީހުންގެ ފާޑުކިޔުންތައް ކުރިމަތިވި. އެކަމަކު އާސެނަލާ ގުޅުނު ފަހުން އެފަދަ ފާޑުކިޔުންތައް ކުރިއަށް ވުރެ ގިނަވެއްޖެ ހެން ހީވަނީ،" އޮޒިލް ބުންޏެވެ.
ޖަރުމަނަށް މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޓީމަށް މޮޅުކުޅުމެއް ކުޅެފައިވާ އޮޒިލް ބުނީ ވޯލްޑް ކަޕު ނިމުމާއެކު އޭނާގެ ކުޅުމާމެދު ބައެއް ފަރާތްތަކުން ސުވާލު ކުރަން ފަށާފައިވާ ކަމަށެވެ.
"މީގެ 10 ހަފްތާ ކުރިން އަހަރެމެން ވޯލްޑް ކަޕުން އެއްވަނަ ހޯދީ. އެކަމު ހަމަ އެ މުބާރާތް ނިމޭ އިރަށް އަހަރެންގެ ކުޅުމަށް މީހުން ފާޑު ކިޔަން ފަށައިފި. ވަރަށް ހައިރާން ވާ ކަމެއް އެއީ. އެކަމު އަހަރެންނަށް ދެއްކެން އޮތް އެންމެ ރަނގަޅު ކުޅުމެއް ދައްކާނަން،" އޮޒިލް ބުންޏެވެ.