24 Sep 2014, 21:09
އުރީދޫއިން ސެމްސަންގެ އެންމެ ފަހުގެ ފޯނުކަމުގައިވާ ގެލެކްސީ އަލްފާ ފޯނުގެ ޕްރީއޯޑަރު ނަގަން ފަށައިފި އެވެ.
އުރީދޫގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫގެ ސީނިއާ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަން މަރިޔަމް އަޙްމަދު ދީދީ ވިދާޅުވީ، އެފޯނުގެ ޕްރީއޯޑަރު ނަގަން އުރީދޫއިން ފަށާފައިވާއިރު އޭގެ ފޯނެއް ވިއްކަމުންދަނީ 12826 ރުފިޔާއަށް ކަމަށެވެ.
"މިފޯނާއެކު ލިމިޓެޑް އޮފާއެއްގެ ދަށުން ސެމްސަންގް ސްމާޓް އަތުކުރި ގަޑިއެއް ކަމަށްވާ ގިއާ 2 ނިއޯއެއް ލިބިވަޑައިގަންނަވާނެ،" މަރިޔަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެފޯނާއެކު ގަޑި ލިބޭނީ ސްޓޮކް ހުސްވަންދެން ކަމަށާއި އެހެންކަމުން ވީހާވެސް އަވަހަކަށް އެފޯނު ގަންނަ ފަރާތްތަކަށް ގަޑިލިބުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.
މަރިޔަމް ވިދާޅުވީ، އުރީދޫގެ ހިލޭ ގުޅޭ ނަންބަރު 929އަށް ގުޅައިގެން ނުވަތަ އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރު އަދި ފޭސްބުކް މެދުވެރިކޮށް އެފޯނަށް ޕްރީ އޯޑާކުރެވޭނެ ކަމަށެވެ.
ސެމްސަންގް ގެލެކްސީ އަލްފާ ފޯނަކީ މިދިޔަ މަހު އެ ކުންފުނިން އަލަށް ބާޒާރަށް ނެރެފައިވާ އެ ކުންފުނީގެ އެންމެ ފަހުގެ ފޯނެވެ. އެފޯން ރަސްމީކޮށް ބާޒާރަށް ނެރެނީ މިމަހު 29 ވަނަ ދުވަހުއެވެ.