24 Sep 2014, 20:59
ބައިނަލްއަގްވާމީ އަށްމެޗަށް ސަސްޕެންޑްކޮށްފައިވާ ގްރީސް ގައުމީ ޓީމުގެ ކުރީގެ ތަޖްރިބާކާރު ކޯޗު ފާނަންޑޯ ސަންޓޯސް ޕޯޗުގަލްގެ އާ ކޯޗކަށް އެގައުމުގެ ފުޓްބޯލް ފެޑެރޭޝަނުން ހަމަޖައްސައިފި އެވެ.
ޕޯޗުގަލްގެ ކުރީގެ ކޯޗު ޕައޮލޯ ބެންޓޯ ޓީމު ދޫކޮށްފައި ދިޔުމުން ސަންޓޯސް ޓީމުގެ އާ ކޯޗަކަށް ހަމަޖައްސާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އެންމެ ފަހުން ބޭއްވުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ފީފާގެ އޮފިޝަލަކަށް ބަހުގެ ހަމަލާތަކެއް ދިނުމުގެ ސަބަބުން ފީފާއިން ވަނީ ސަންޓޯސް އަށް މެޗަށް ސަސްޕެންޑް ކޮށްފައެވެ. ސަންޓޯސް ސަސްޕެންޑް ކުރީ ކޮސްޓާރިކާއާ ދެކޮޅަށް ގްރީސް ކުޅެ އެޓީމު އަތުން ބަލިވި މެޗުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ.
ކުރިން ވަރުގަދައަށް ކުޅެ ފަހުން ބަލިވަމުން އަންނަ ޓީމުތައް އަނބުރާ ރަނގަޅު ޓީމުތަކަކަށް ހެދުމަށް މަޝްހޫރު ވެފައިވާ ސަންޓޯސްގެ އެ ހުނަރު އެންމެ ބޮޑަށް ބޭނުންވެފައިވާ ޓީމަކީ ޕޯޗުގަލެވެ.
ސަންޓޯސް ވަނީ 2010 ވަނަ އަހަރު ގްރީސްގެ ގައުމީ ޓީމާ ހަވާކުވުމުގެ ކުރިން އެގައުމުގެ ބޮޑެތި ކްލަބްތައް ކަމަށްވާ އޭއީކޭ އެތެންސް، ޕަނަތިނައިކޯސް، ޕައޯކް ފަދަ ކްލަބްތަކާއެކު ރަނގަޅު ކާމިޔާބީ ތަކެއް ހާސިލްކޮށްފައެވެ. އަދި ގްރީސް ޓީމުގެ ކޯޗުކަމާ ހަވާލުވެ 2012 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖް ފަހަނަޅައި ދިއުމާއި، މިފަހަރުގެ ވޯލްޑް ކަޕްގައި ވެސް ޖަރުމަނާއި ކޮސްޓަރިކާއަތުން ބަލިވެ މުބާރާތުން ކެޓުމާ ހަމައަށް ގްރީސް ވަނީ ރަނގަޅު ކާމިޔާބުތަކެއް އެ ކްލަބުގައި ވެސް ހޯދައިފައެވެ.
ޕޯޗްގަލް ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުނެތެރިޔާގެ މަގާމު ހޯދި ހުނަރުވެރި ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު ނުކުމެ މިފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން މުބާރާތާ އަލްވަދާއު ކިޔައިފައެވެ.