24 Sep 2014, 20:33
މޯލްޑިވްސް ޑައިބެޓިކް ސޮސައިޓީއާއި ގދ. ނަޑެއްލާ ހެލްތު ސެންޓަރު ގުޅިގެން އެރަށުގެ ރައްޔިތުން ހަކުރުބައްޔަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.
އަންގާރަ ދުވަހުގެ މެންދުރު ފަހު 2:00 އިން ހަވީރު 5:00 އަށް ހިންގި އެ ޕްރޮގްރާމްގައި އެރަށުގެ އާބާދީގައި ހިމެނޭ 16 އަހަރުން މަތީގެ ގާތްގަނޑަކަށް 480 މީހުންގެ ތެރެއިން 200 ވަރަކަށް މީހުން ބައިވެރިވި ކަމަށް ނަޑެއްލާ ހެލްތު ސެންޓަރުން ބުންޏެވެ.
ނަޑެއްލާ ހެލްތު ސެންޓަރުގެ އެސިސްޓެންޓް މެނޭޖަރު ޙަމްދޫން ރަޝީދު 'ސަން'އަށް ވިދާޅުވީ، ޑައިބެޓިކް ސޮސައިޓީއާ ގުޅިގެން އެރަށުގެ ރަށު ކައުންސިލްގެ ވެސް އެއްބާރުލުމާއެކު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށެވެ. އަދި އެ ޕްރޮގްރާމްގައި ހަކުރުބައްޔާ ބެހޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގެ އިތުރުން، ޕްރޮގްރާމްގައި ބައިވެރިވި އެންމެން ހަކުރު ބައްޔަށް ސްކްރީންކުރުން ފަދަ ހަރަކާތްތައްވެސް ކުރިއަށް ގެންދިޔަ ކަމަށެވެ.
"އަޅުގަނޑުމެން ވާނީ މިއަދު މިރަށުގެ 16 އަހަރުން މަތީގެ 200 ވަރަކަށް މީހުން ހަކުރުބައްޔަށް ޓެސްޓް ކޮށްފައި. އެގޮތުން ކޮލެސްޓްރޯލް ހުރި މިންވަރާއި، އެމީހުންނަށް ހަކުރު ބަލީގެ ނުރައްކާ ހުރީ ކިހާ މިންވަރަކަށް ކަމާއި، އެބަލިން ރައްކާތެރިވުމަށް ކުރެވޭނެ ކަންތައްތަކާއި، އެފަދަ ތަފާތު މައުލޫމާތުތައް ވާނީ ހިއްސާ ކޮށްފައި،" ހަމްދޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް އެރަށުގައި އެފަދަ ހަރަކާތްތައް ކުރިއަށް ގެންދާން ނިންމާފައި ވާ ކަމަށާއި، އަދި ރަށުގެ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ވެސް އިސް ނަގައިގެން އެފަދަ ޕްރޮގްރާމެއް ހިންގަން ބޭނުން ވެއްޖެ ނަމަ، ނަޑެއްލާ ހެލްތު ސެންޓަރުން އެކަމަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ.