24 Sep 2014, 20:11
މީހެއްގެ ކޭޝްކާޑުން ގަދަކަމުން ފައިސާ ނަގަން އުޅުނު މީހަކު ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ގދ. ގައްދޫ ދިލާވަރުގޭ އަލީ ޝަމްޒޫންގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ.
ޝަމްޒޫންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ މިދިޔަ މެއި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރު 12:30 އެހައިކަންހާއިރު ށ. ނޫމަރާ ވީނަސް މުހައްމަދު އާސިމް މައްޗަންގޯޅި ސަހަރާ ކައިރިން ހިނގާފައި ދަނިކޮށް އިތުރު މީހަކާ އެކު ގޮސް ޝަމްޒޫން އޭނާގެ ޖީބުގައި އޮތް ވޮލެޓު ނެގިކަމަށެވެ.
އެއަށްފަހު އެ ވޮލެޓުގައި އޮތް މުހައްމަދު އާސިމްގެ އައިޑީކާޑާއި ވިސާ ކާޑު ދޭނީ 500 ރުފިޔާ ދިނުމުން ކަމަށް ބުނެ އޭނާ ގޮވައިގެން އެ ދެ މީހުން އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްއަށް ގޮސް އޭނާގެ ނުރުހުމުގައި އެ ކޭޝް ކާޑުން 3000 ރުފިޔާ ނަގަން އުޅެފައިވާކަމަށް ޝަމްޒޫން ޝަރީއަތުގައި އިއުތިރާފުވެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
ޝަމްޒޫނާ އެކު އެ އަމަލުގައި ބައިވެރިވި ދެވަނަ މީހާ ނިޔާވެފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ލިޔުމަކުން އެނގެން އޮންނާތީ، އެ މައްސަލައިގައި ހިމެނޭ އެމީހާގެ ބައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އަނބުރާ ފޮނުވާލާފައެވެ.