24 Sep 2014, 19:41
ދިވެހިރާއްޖެ އާއި އިންޑިއާ އަދި ސްރީލަންކާ ގުޅިގެން ބޭއްވި ޓްރައިލެޓްރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަންގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ހަތަރުވަނަ ބައްދަލުވުން މިއަދު ނިމިއްޖެއެވެ.
ޕެރެޑައިސް އައިލެންޑް ރިސޯޓުގައި އިއްޔެ ފެށި މި ބައްދަލުވުމުގައި، މިއަހަރު މާޗްމަހު އިންޑިއާގެ ނިއުދިއްލީގައި ބޭއްވުނު ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ތިންވަނަ ބައްދަލުވުމުގައި ތިން ގައުމު ގުޅިގެން ކުރަން ނިންމަވާފައިވާ ކަންތައްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ހަތަރުވަނަ ބައްދަލުވުމަށް ހުށަހަޅަންޖެހޭ ކަރުދާސްވެސް ވަނީ އެކުލަވާލާފައެވެ.

މީގެއިތުުރުން، ރާއްޖެ އާއި ސްރީލަންކާ އަދި އިންޑިއާ ގުޅިގެން، ކަނޑުގެ ސަރަޙައްދުތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެ ގޮތްތަކާއި، ކަނޑު ފޭރުމުގެ ނުރައްކަލުން މިސަރަޙައްދު ރައްކާތެރިކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާއި، ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތަކާއި، ކަނޑުގެ މާހައުލު ތަޣައްޔަރުވުމުގެ ހާދިސާތަކުގައި ތިން ގައުމު ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ކަނޑުގެ ވެށީގައި ހިނގާ ކުށްތައް ހުއްޓުވުމަށް ފިޔަވަޅު އަޅާނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުން ހިނގަމުންދިޔައިރު ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ޕެރަޑައިސް އައިލެންޑް ރިސޯޓަށް ވަޑައިގެން މަންދޫބުންނާ ބައްދަލުކުރައްވައި ބައްދަލުވުން ހިނގާދިޔަގޮތުގެ މައުލޫމާތު އޮޅުންފިލުވި އެވެ.
ޓްރައިލެޓްރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަންގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ހަތަރުވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިސް މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރެވެ. ސްރީލަންކާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެގައުމުގެ ޗީފް އޮފް ޑިފެންސް ސްޓާފް، ޖެނެރަލް ޖަގަތް ޖަޔަސޫރިޔާ އެވެ. އަދި އިންޑިއާއިން އެގައުމުގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މރ. އަރުވިންދު ގުޕްތާ ބައިވެރިވެވަޑައިގެންނެވިއެވެ.