24 Sep 2014, 17:14
އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހަދައިގެން ވިއްސި ކުއްޖަކު މަރުވި މައްސަލައެއް ބަލަން ފަށައިފި އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކްރިލޭޝަން ކޯޑިނޭޓަރު އަލީ މޫސާ ވިދާޅުވީ މި މަހުގެ 19 ވަނަ ދުވަހު އެ ހޮސްޕިޓަލުގައި ހެދި ސިޒޭރިއަނެއްގައި ތުއްތު ކުއްޖާ މަރުވީ ނަޖިސް ދިރުވާލެވި، މެއަށް ލޭ އެޅިގެން ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ. އަދި ކުއްޖާ ސަލާމަތް ކުރަން ޑޮކްޓަރުން ވަރަށް މަސައްކަތް ކުރި ކަމަށް ވެސް އަލީ މޫސާ ވިދާޅުވި އެވެ.
"ކުޑަކުދިންގެ ޑޮކްޓަރު ވެސް ވަރަށް މަސައްކަތް ކުރެއްވި ކުއްޖާ ސަލާމަތް ކުރަން. ސިޒޭރިއަން ދިޔައީ ވަރަށް ކާމިޔާބުކޮށް. މައިމީހާ ވެސް ރަނގަޅު. ސިޒޭރިއަން ހެދުމުގައި އެއްވެސް މައްސަލައެއް ދިމާނުވޭ. އެކަމަކު ތުއްތު ކުއްޖަކު މަރުވީމަ އާއިލާގެ ހިތަހަމަނުޖެހުންތައް ހުންނާނެ ދެއްތޯ،" އަލީ މޫސާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކުއްޖާ މަރުވީ 20 ވަނަ ދުވަހުގެ ހެނދުނު އިތުރު ފަރުވާ އަށް މާލެ ފޮނުވާލަން ތައްޔާރުވެފައި ވަނިކޮށް ކަމަށެވެ. އޭނާ ވިދާޅުވީ އެ ކުއްޖާ ފޮނުވާލަން މަސައްކަތް ކުރީ އެވަގުތު ހެނދުނު ފުލައިޓުން ފުރަން އޮތް އެހެން ބަލި މީހަކު ވެސް ކެންސަލްކޮށްފައި ކަމަށެވެ. ނަމަވެސް ކުއްޖާގެ ހާލު އިތުރަށް ދެރަވެގެން މަރުވީ ކަމަށް އޭނާ ވިދަޅުވި އެވެ.
އަލީ މޫސާ ވިދާޅުވީ އެ ކުއްޖާގެ މަރާ ގުޅޭ ތަފްސީލުތައް އާއިލާ އަށް ކިޔައިދީފައިވާނެ ކަމަށާއި އަދި ލިޔުމުން ތަފްސީލުތައް ބޭނުންވާ ކަމަށް ބުނުމުން އެކަން ވެސް ހޮސްޕިޓަލުން ކުރަމުން އަންނަ ކަމަށެވެ.
އަދި އިތުރު މައުލޫމާތު ލިޔުމުން ބޭނުންވާ ކަމަށް ބުނެ މިއަދު ހޮސްޕިޓަލަށް ސިޓީއެއް ފޮނުވާފައިވާ އިރު ހެލްތު މިނިސްޓްރީއަށާއި ކަމާ ބެހޭ އިތުރު ފަރާތްތަކަށް ވެސް އެ ސިޓީގެ ކޮޕީއެއް ފޮނުވާފައިވާ ކަމަށެވެ.