21 Jan 2011, 00:25
ޕެރިސް: ފަރަންސޭސި އަންހެން ލަވަކިޔުންތެރިއެއް ކަމަށްވާ ވެނޭސާ ޕެރަޑިސް، އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އިސްރާއީލުގައި ބާއްވަން ހަމަޖެއްސި ޙަފްލާއެއް ނުބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
މިހަލްފާ އިސްރާއީލުގައި ނުބޭއްވުމަށް ވެނޭސާ ނިންމީ އިސްރާއީލަކީ ފަލަސްތީނުގެ ބިންތައް ހިފައި ފަލަސްތީނު ރައްޔިތުން އަޅުވެތިކޮށް އެމީހުންނަށް ލާއިންސާނީ އަނިޔާތައްކުރަމުން ގެންދާ އަދި ބައިނަލްއަޤްވާމީ މުޖްތަމަޢަށް ނުކިޔަމަންތެރި ކަރުކަށި ޤައުމަކަށްވާތީ އިސްރާއީލު ބޮއިކަޓް ކުރުމަށް ފަރަންސޭސިވިލާތުގައި ގޮވާލެވޭ ގޮވާލުންތަކަށް އިޖާބަދިނުމުގެ ގޮތުން ކަމަށް އޭނާ ހާމަކުރެއްވިއެވެ.
އަނިޔާވެރިކަމާއި އިސްތިޢްމާރުގެ އުސޫލުތައް ދޫކޮށް ސުލްހައިގެމަގު ޚިޔާރުކުރުމަށް އިސްރާއީލަށް މަޖްބޫރުކުރުމަށްޓަކައި އިސްރާއީލު ބޮއިކަޓްކޮށް އެކަހެރި ކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ލޮބީ ގްރޫޕްގައި އިސްރާއީލުގެ މަދަނީ ބައެއް ޖަމްޢިއްޔާތަކާއި އިސްރާއީލުގެ ޢިލްމީ ބައެއް ފަރާތްތައްވެސް ހިމެނެއެވެ. އިސްރާއީލުގެ މިފަރާތްތަކުންވެސް ވަނީ މިޙަފްލާ އިސްރާއީލުގައި ނުބާއްވައި އިސްރާއީލަކީ އެކަހެރިކުރެވިފައިވާ ޤައުމަކަށް ހެދުމަށް ފަރަންސޭސި ލަވަކިޔުންތެރިޔާ ވެނޭސާ ޕެރަޑިސްއަށް ވިސްނައިދިނުމުގައި ނާކާމިޔާބު ވެފައެވެ.
އިސްރާއީލުގެ އަނިޔާވެރިކަމާ ގުޅިގެން އިސްރާއީލު ބޮއިކަޓްކޮށް އިސްރާއީލު އެކަހެރި ކުރުމަށް ދުނިޔޭގެ މަދަނީ ޖަމްޢިއްޔާތަކުން މަސައްކަތް ކުރަމުންގެންދަނީ ދުނިޔޭގެ ޒަމީރުގެ ނަމުން ނަންދެވިފައިވާ ދުނިޔޭގެ ވަރަށްގިނަ މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކާއި ޢިލްމީ ފަރާތްތަކާއި ސުލްޙައަށް މަސައްކަތްކުރާ އެކްޓިވިސްޓުންގެ ގުޅިފައިވާ ލޮބީއަކުންނެވެ. މިފަރާތްތަކުން މިމަސައްކަތްފެށީ އިސްރާއީލުގެ އަނިޔާވެރިކަމާ ގުޅިގެން އިސްރާއީލަށް އަދަބު ދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢު ނުކުޅެދިފައިވާތާ ސާޅީހަށްވުރެ ގިނައަހަރު ވުމަށްފަހުގައެވެ.
އިސްރާއީލު ބޮއިކަޓްކުރާ މިލޮބީން މިހާރުވަނީ އިސްރާއީލުގެ އަނިޔާވެރި ޙަޤީޤަތް މިކަންނޭންގޭ ޔޫރަޕާއި އެމެރކާގެ ރައްޔިތުންނަށް ސާފުކޮށްދިނުމަށް ވަރުގަދަ ކޭންޕޭނެއް ފަށާފައެވެ. މިގޮތުން އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ އަނިޔާވެރި ޢަމަލުތަކުގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކާއި އިސްރާއީލުގެ ޙަޤީޤީ ސޫރަ ދައްކުވައިދޭ ޕޯސްޓަރުތައް ޔޫރަޕްގައާއި އެމެރިކާގެ އެކިކަންކޮޅުތަކުގައި ހަރުކޮށް އިސްރާއީލަކީ އަނިޔާވެރި ޤައުމެއްކަމާއި އަނިޔާ ލިބޭ ޤައުމެއް ނޫންކަން ހުޅނގުގެ ރައްޔިތުންނަށް ވިސްނައިދިނުމަށް މިލޮބީ ގްރޫޕުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އަދި އިސްރާއީލުގައި އުފައްދާ ޖޫސްފަދަ ބުއިންތައް ބޭނުންކުރުމަކީ ފަލަސްތީނުގެ ރައްޔިތުންގެ ލޭބުއިންފަދަ ކަމެއްކަންވެސް މި ގްރޫޕުން ގެންދަނީ ހާމަކުރަމުންނެވެ.