19:00


ސ. ހިތަދޫގައި އަންހެން ކުއްޖަކަށް ތޫނު އެއްޗަކުން ބިރުދެއްކުމަށް ފަހު، 15 މީހުން ވެގެން އެކުއްޖާއާ ގަދަކަމުން ބަދުއަޙްލާޤީ އަމަލް ހިންގި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


އައްޑޫ ޕޮލިސް ސްޓޭޝަންގެ ކޮމާންޑަރު، ސަބް އިންޕެކްޓަރ އާދަމް އިޔާޒް މިއަދު ވިދާޅުވީ 15 ވަރަކަށް ފިރިހެނުން ވެގެން އުމުރުން 21 އަހަރުގެ އެ އަންހެން ކުއްޖާއާ ގަދަކަމުން ބަދުއަޙްލާޤީ އަމަލް ހިންގި މައްސަލައިގައި އެރޭ އެންމެ ފުރަތަމަ އެޢަމަލު ހިންގުމާއި ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ އިތުރުން ހަތަރު ވަނަ މީހާ ހައްޔަރު ކޮށްފައި ވަނީ އިއްޔެރޭ ގެ ވަގުތެއްގައި ކަމަށާއި އަދި ފަސް ވަނަ މީހާ ހައްޔަރުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.


އިޔާޒު ވިދާޅުވީ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ޏ.ފުވައްމުލަކު ކަރަންކާގޭ، އުމުރުން 20 އަހަރުގެ އަހުމަދު ފަޒީލަކީ އެ އަންހެން ކުއްޖާ އެތަނަށް ގެންދިޔަ މީހާ ކަމަށާއި މިފަހަރު ހައްޔަރު ކުރި މީހުންގެ އަތުންވެސް އެ އަމަލް ހިންގަމުން ފޮޓޯ އާއި ވީޑިއޯ ނަގާފައިވާ ބައެއް ފޯންތައް ހޯދިފައިވާ ކަމަށެވެ. ނަމަވެސް އެމީހުން އެވީޑިއޯ އާއި ފޮޓޯތައް ލީކުކޮށްލާފައިހުރި ކަމެއް ނުވަތަ ނޫން ކަމެއް އެނގިފައިނުވާ ކަމަށް އިޔާޒް ވިދާޅުވި އެވެ.


އިޔާޒް އިތުރަށް ވިދާޅުވީ އެމައްސަލައިގައި ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 20 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުން ކަމަށެވެ.


އެ އަންހެން ކުއްޖާ އާ ބަޔަކު ގަދަކަމުން ބަދުއަޚްލާގީ ޢަމަލު ހިންގާފައި ވަނީ ހުކުރު ދުވަހުގެ ރޭ އޭނާގެ ދައްތައެއްގެ ގެއަށް ޓީވީ ބަލަން ގޮސްފައި އެނބުރި ގެއަށްދިޔަ މަގުމަތީގައި ސައިކަލެއްގައިދިޔަ ދެ މީހަކު އެ އަންހެން ކުއްޖާއަށް ތޫނު އެއްޗަކުން ބިރުދެއްކުމަށްފަހު، ހިތަދޫ ސްޓޭޑިއަމާ ދިމާލު ފުއްޓަރުފަރާތުގެ ވަލުތެރެއަށް ގެންގޮސްގެންނެވެ. އެ ޢަމަލު ހިންގުމުގައި އެކުއްޖާ އަށް މަސްތުވާޒާތުގެ އެއްޗެއް ދީފައިވާ ކަމަށް އެކުއްޖާ ތަހްގީގުގައި ބުނެފައިވީ ނަމަވެސް އަދި ޑޮކްޓަރުގެ ރިޕޯޓް ލިބިފައިނުވާތީ އެކަން ކަށަވަރު ވެފައިނުވާ ކަމަށް ވެސް އިޔާޒް ވިދާޅުވި އެވެ.