24 Sep 2014, 16:46
ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) މައްޗަށް ސުޕްރީމް ކޯޓުން ހިންގާ ސުމޯޓޯ މައްސަލަަ އަންނަ ހަފްތާގެ އާދީއްތަ ދުވަހަށް ޝެޑިއުލްކޮށްފި އެވެ.
އެ މައްސަލައިގެ ޝަރީއަތެއް ދެން ބާއްވާނެ ކަމަށް ސުޕްރީމް ކޯޓުން މިހާރު ކަނޑައަޅާފައި ވަނީ އާދީއްތަ ދުވަހުގެ 1:30 އަށެވެ.
އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން އެ ކޮމިޝަނުން ތައްޔާރުކޮށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާފައިވާ "ޔުނިވާސަލް ޕީރިއޮޑިކް ރިވިއު" (ޔޫޕީއާރު) ރިޕޯޓު މައްސަލާގައި ސުޕްރީމް ކޯޓުން އެ ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ހިންގާ ސުމޯޓޯ މައްސަލައިގެ ޝަރީއަތެއް މިއަދު ވެސް ވަނީ ބާއްވައިފަ އެވެ.
މިއަދުގެ ޝަރީއަތުގައި އެޗްއާރުސީއެމުން ވަނީ އެ މައްސަލައިގެ ދައުވާ އަށް ޖަވާބުދާރީވުމުގެ ފުރުސަތަށް އެދިފަ އެވެެ. އެގޮތުން އެެ މައްސަލައިގެ ޖަވާބުދާރީ ވުމަށް ސަރުކާރު ބަންދު ނޫން ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް އެޗްއާރުސީއެމްގެ ފަރާތުން ޝަރީއަތުގައި ވަނީ އެދިފަ އެވެ.
މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުމޯޓޯ މައްސަލަ ބަލަން ޖެހުނީ ސުޕްރީމް ކޯޓުގެ އިހްތިސޯސް އޮޅޭ ގޮތަށް ޔޫޕީއާރު ރިޕޯޓުގައި ހަގީގަތާ ޚިލާފު ވާހަކަތަކެއް ހިމަނާފައި ވާތީ ކަމަށެވެ.