24 Sep 2014, 16:41
ގދ. އަތޮލުގައި ހަދަމުން އަންނަ 48 ޓޫރިސްޓް ވިލާގެ ކޮނޮއްޓާ އައިލަންޑް ރިޒޯޓް ވިއްކާލައިފި އެވެ.
އެރިސޯޓް ވިއްކާލުމުގެ ކަންތަކުގައި އެޑްވައިޒަރެއްގެ ގޮތުން މަަސައްކަތްކޮށްފައިވާ ސިންގަޕޫރުގެ ޖޭއެލްއެލް އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މުޅިން ހަދައި ނުނިމޭ އެ ރިސޯޓް ވިއްކާލާފައި ވަނީ ހަވާއީގެ ކުންފުންޏެއް ކަމަށްވާ އައުޓްރިގާ އެންޓާޕްރައިސަސް ގްރޫޕުގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ އޯކޭއެމް ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ.
ނަމަވެސް ރިސޯޓް ވިއްކާލި އަގެެއް ހާމަކޮށްފައެއް ނުވެ އެވެ.
ޖޭއެލް އިން ބުނީ އެ ރިސޯޓްގެ ނުނިމި ހުރި މަސައްކަތް އައުޓްރިގާ ގުރޫޕްއިން ނިންމިމުމަށް ފަހު އެ ރިސޯޓް ހުޅުވުމަށް ނިންމާފައި ވަނީ މިއަންނަ އަހަރު ކަމަށެވެ.

ކޮނޮއްޓާ އައިލަންޑް ރިޒޯޓް---
އެ ނޫސްބަޔާނުގައި ޖޭއެލްއެލްގެ ހޮޓެލްސް އެންޑް ހޮސްޕިޓަލިޓީ ގްރޫޕުގެ އެގްޒެކްޓިވް ވައިސް ޕްރެޒިޑެންޓް ނިހާތު ވިދާޅުވެފައި ވަނީ އެ ރިސޯޓް ވިއްކާލުމުގެ ކަންކަން އެކުންފުނިން ވަރަށް ރަނގަޅަށް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގައި ހުރި އެ ސައިޒުގެ ރިސޯޓްތަކަކީ ރަނގަޅަށް ބްރޭންޑް ކުރެވުމުގެ ފުރުސަތު ބޮޑު ތަންތަން ކަމަށް ވާތީ އިންވެސްޓަރުން އެކަން ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އިތުރުވަމުން އަންނާތީ، ދުނިޔޭގެ އެންމެ އެކްސްކްލޫސިވް އީކޯ ޓޫރިޒަމް އަށް ހާއްސަ އެއް މަންޒިލްކަމުގައި ދިވެހިރާއްޖެ ދެމިއޮންނާނެ ކަން ޔަގީން،" އޭނާ ބުނެފައިވެ އެވެ.
ކޮނޮއްޓާ އައިލަންޑް ރިސޯޓަކީ މާލެއާއި 340 ކިލޯ މީޓާ ދެކުނުގައިވާ ރަށެކެވެ.
އެ ރިސޯޓް ވިއްކުމުގެ މުއާމަލާތާ އެކު ޖޭއެލްއެލް އިން ރާއްޖޭގައި ހަ ޓުރާންސެކްޝަނެއް ހަދާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އަދި އެ ކުންފުނިން އިންޑިއާ ކަނޑުގައި ހިމެނޭ ރިސޯޓްތައް ވިއްކުމުގެ މުއާމަލާތްތަކުގެ ޖުމުލަ އަގު 500 މިލިއަން ޑޮލަރަށް ވުރެ މަތި ކަމަށް ބުނެފައިވެ އެވެ.