24 Sep 2014, 16:20
ޕެރިސް (ސެޕްޓެމްބަރ 24) : އެމެރިކާ އިސްވެ އޮވެގެން ސޫރިޔާގައިވާ އައިއެސް ޖަމާއަތުގެ މަރުކަޒުތަކަށް ދެމުން ގެންދާ ހަމަލާތަކުގައި ސޫރިޔާގެ ކުށެއްނެތް ގިނަ އަދަދެއްގެ ބަޔަކު މަރުވެ އެތައް ކުޑަކުދިންނެއް ޔަތީމު ވަމުންދާކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ސޫރިޔާގެ ޖަމާއަތެއް ކަމަށްވާ "ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް" އިން ބުނެފި އެވެ.
އެޖަމާއަތުން ބުނީ އެމެރިކާއާއި އެމެރިކާގެ ބައިވެރިން އިއްޔެއާއި މިއަދު ސޫރިޔާގެ އައްރިއްޤާ އަށާއި ދީރުއްޒޫރަށާއި އެދެރަށުގެ ކައިރީގައިވާ ވިލެޖްތަކަށް ދިން ޙަމަލާތަކުގައި އާންމުންގެ 24 މީހުން މަރާލާފައިވާ އިރު މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމުގަ އެވެ. އަދި އެމެރިކާގެ ހަމަލާތަކުގައި ސަތޭކައަށް ވުރެ ގިނަ އާންމުން ވެސް ޒަޚަމްވެފައިވާއިރު އެމެރިކާގެ ހަމަލާތަކުގައި އައިއެސްއާއި ޖަބްހަތުއްނުސްރާ ޖަމާއަތުން މަރުވި ކަމަށް ބެލެވެނީ 120 މީހުންކަމަށާއި އަދި 300 އެއްހާ ހަނގުރާމަވެރިން ޒަޚަމްވެފައިވާ ކަމަށް ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުން ބުނެ އެވެ.
އެމެރިކާ އިން އައިއެސް ޖަމާއަތާ ދެކޮޅަށް ކަމަށްބުނެ ސޫރިޔާއަށް ދެމުން ގެންދާ ހަމަލާތައް އައިއެސްއާ އިދިކޮޅު ސުންނީ ދީނީ އިލްމުވެރިންނާއި އަދި އީރާނުގެ ރައީސް ޙަސަން ރޫހާނީއާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ޙަސަން ނަސްރުﷲ ވެސް ވަނީ ކުށްވެރި ކުރައްވާފަ އެވެ. އައިއެސްއާ އިދިކޮޅު ސުންނީ ސަލަފީ ދީނީ އިލްމުވެރިއެއް ކަމަށްވާ އުރުދުންގެ އަބޫމުހައްމަދުލް މަގްދިސީ އާއި ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ ވަނީ މިއީ ހުޅަނގުން މުސްލިމުންނާ ދެކޮޅަށް ކުރާ ސަލީބީ ހަނގުރާމައެއް ކަމަށް ސިފަކުރައްވާފަ އެވެ.
އީރާނުގެ ރައީސް ހަސަން ރޫޙާނީ ވިދާޅުވީ އެމެރިކާއާއި އެމެރިކާގެ ބައިވެރިންގެ ޙަމަލާތަކުގައި މަރުވެ ޒަޚަމްވެ ޔަތީމްވެ އަދި ހުވަފަތްވެގެންދާނީ އިރާގާއި ސޫރިޔާގެ ކުށެއްނެތް އާންމުން ކަމަށާ އައިއެސް އާ ދެކޮޅަށްނަމަވެސް އިސްލާމީ ގައުމަކަށް އެމެރިކާ އިސްވެއޮވެގެން ދޭ ހަމަލާތަކުގެ ހަގީގީ މަގްސަދާމެދު ސުވާލު އުފެދޭކަމުގަ އެވެ. އެމެރިކާ ގެންދަނީ ކޮންމެ 10 އަހަރަކުން ކަހަލަ ގޮތަކަށް އިސްލާމީ ކޮންމެވެސް ގައުމަކާ ދެކޮޅަށް ހަނގުރާމަކޮށް މުސްލިމުން މެރުމުގެ ޖަރީމާތަކެއް ހިންގަމުންނެވެ. މިގޮތުން އިރާގުން ކުވައިތަށް އެރި މައްސަލާގައި 1991 ވަނަ އަހަރުވެސް އެމެރިކާ ސިފައިން އިރާގަށް ހަމަލާދީ އެގައުމުގެ އާންމުންގެ އެތަށް ހާސްބަޔަކު މަރާލާފައެވެ. އޭގެކުރިން އިރާގާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިރާގުގެ 6 މިލިޔަނެއްހާ ކުޑަކުދިން މަރުވިކަމަށް އދ. ގެ ރިޕޯޓްތަކުންވެސް ހާމަވެފައިވެ އެވެ.
އެއަށްފަހު 2003 ގައިވެސް އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ އެމެރިކާ ދޮގުހަދައިގެން އިރާގަށް އަރައިގަނެ ހިންގި 10 އަހަރުވީ ދިގުލީ ހަނގުރާމައިގާ އިރާގުގެ މަދުވެގެން ފަސްލައްކަ މީހުން އެކިގޮތްގޮތަށް މަރާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއަށްފަހު 10 ވަރަކަށް އަހަރުފަހުން އަނެއްކާވެސް އައިއެސް އާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާ ދެމުން ގެންދާ ހަމަލާތަކުގެ ބޮޑުބައެއް މިހާރު ސޫރިޔާއަށް އަމާޒުކުރިނަމަވެސް އިރާގުގައިވާ އައިއެސްގެ މަރުކަޒުތަކަށް އެމެރިކާ ވައިގެ މަގުން ހަމަލާތައް ދެމުންގެންދާތާ ވަނީ މަހަކަށްވުރެ ގިނަދުވަސްވެފަ އެވެ.
އެމެރިކާގެ ހަމަލާތަކާއި އައިއެސްގެ ހަމަލާތަކާއި އަލްގާއިދާގެ ހަމަލާތަކުގައިވެސް މަރުވެ ފަނާވަމުންދަނީ އިރާގުގެ އާންމުންނެވެ. ޔަތީމްވަމުންދަނީ އިރާގުގެ ކުޑަކުދިންނެވެ. ހަލާކުވެ ވީރާނާވެގެންދަނީ އިރާގުގެ އިންފްރާސްޓްރަކްޗަރެވެ. އެމެރިކާގެ ހަމަލާތައް މިގޮތަށްހުރިއިރު ސޫރިޔާއަށް އެމެރިކާ ދެމުން ގެންދާ ހަމަލާތައް ދިފާއު ކުރައްވައި އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން އިއްޔެވަނީ ވާހަކަ ދައްކަވާފައެވެ. ސޫރިޔާގައިވާ އައިއެސް މަރުކަޒުތަކަށް އެމެރިކާ އިސްވެ އޮވެގެން ޙަމަލާތައް ދެމުން ގެންދަނީ އެޖަމާއަތަކީ ބައިނަލްއަގްވާމީ އަމްނާއި ސުލްޙައަށް ހުރި ނުރައްކަލަކަށްވާތީ ކަމަށާ މިޙަމަލާތައް ދިނުމުގެކުރިން އެކަމުގެ މަޢްލޫމާތު ސޫރިޔާ ސަރުކާރަށް ދީފައިވާ ކަމަށް ވިދާޅުވެ ބާންކީ މޫން ވަނީ ބަޔާނެއް ދެއްވާފަ އެވެ. ނަމަވެސް އެމެރިކާގެ ހަމަލާތައް ދޭއިރު ޖެނީވާ ކޮންވެންޝަންއާއެއްގޮތަށް އަމަލުކުރަންޖޭހެނެ ކަމަށް ބާންކީ މޫން ވިދާޅުވި އެވެ. ޖެނީވާ ކޮންވެންޝަންއަކީ ހަނގުރާމަތަކުގައި މަދަނީ ތަންތަނަށް ހަމަލާދިނުން މަނާކުރުމާއެކު އާންމުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ގޮވާލާ މުޢާހަދާއެކެވެ.
އެމެރިކާ ސަރުކާރުންވަނީ އައިއެސްއާ ދެކޮޅަށް ދެމުންގެންދާ ޙަމަލާތަކަކީ އަމިއްލަ ނަފްސުގެ ދިފާއުގައި ދޭ ހަމަލާތަކެއް ކަމަށް ސިފަކޮށް އދ. އަށް ސިޓީއެއް ފޮނުވާފައެވެ. މިސިޓީގައި އެމެރިކާ ބުނެފައިވަނީ ހަތިޔާރުއެޅި ބައެއްގެ ޙަމަލާއެއް ކުރިމަތިވެއްޖެ ހާލަތެއްގައި އަމިއްލަ ނަފްސުގެ ދިފާއުގައި ތެދުވުމުގެ ހައްގު އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން ލިބިދޭކަމަށާ އައިއެސްއާ ދެކޮޅަށް އެމެރިކާ ބޭނުންކުރަމުން ގެންދަނީ އެހައްގު ކަމުގަ އެވެ. އިރާގާއި އަފްޣާނިސްތާނާ އަދި ޕާކިސްތާން ފަދަ ގައުމުތަކުގައިވާ ހަނގުރާމަވެރިންގެ މަރުކަޒުތަކަށް އަމާޒުކޮށް އެމެރިކާ ދެމުން ގެންދާ މިބާވަތުގެ ޙަމަލާތަކަކީވެސް އަމިއްލަ ނަފްސުގެ ދިފާޢުގައި ދޭ ޙަމަލާތަކެއް ކަމަށް އެމެރިކާ ބުނަމުން ގެންދެ އެވެ.
އެމެރިކާގެ މިފަދަ ޙަމަލާތަކުގައި އެގައުމުތަކުގެ ކުށެއްނެތް އާންމުންގެ އެތަށް ސަތޭކަ ބަޔަކު މަރާލާފައިވާތީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ކުށެއްނެތް އާންމުން މެރުންފަދަ ހަރުކަށި އަމަލުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ގެންދާކަމުގެ ތުހުމަތު އެމެރިކާގެ އިސްވެރިންގެ މައްޗަށް ވަނީ ކުރެވިފަ އެވެ. އިސްލާމީ އެތަށް ގައުމަކަށް ހަމަލާދީ މުސްލިމުން މެރުމުގެ ފުރްސަތު އެމެރިކާއަށް ލިބުމުގައި އެގައުމުތަކުގެ ވެރިންގެ އަމިއްލަ އެދުމުގެ ސިޔާސަތުތަކާއި ކިޔާނަތާއި މުސްލިމުންގެ ބައިބައިވުންތަކާއި ހަރުކަށި ޖަމާއަތްތަކުގެ އަމަލުތައް މުހިއްމު ދައުރެއް އަދާކުރާ ކަމަށް މުޙައްލިލުން ދެކެ އެވެ. (ނޫސްއެޖެންސީތައް)