24 Sep 2014, 15:50
ގަނޑު ރަނުން ޒީނަތްތެރި ކޮށްފައިވާ މަގެއް ޗައިނާގެ ޝޮޕިން މޯލެއްގައި ހަދައިފި އެވެ.
ޗައިނާގެ ޚަބަރުފަތުރާ ވެބްސައިޓެއް ކަމަށްވާ ޗައިނާ ނިއުސް ޑޮޓްކޮމް އާ ހަވާލާދީ ބީބީސީ އިން ބުނީ ޗައިނާގައި ހުންނަ ސޮޕިން މޯލެއްގައި 606 ގަނޑުރަން ބޭނުންކޮށްގެން މީހުން ހިނގާ ބިނގާވެ އުޅެވޭނެ މަގެއް ވަނީ ހަދާފައި ކަމަށެވެ.

"ގޯލްޑަން ރޯޑް" ހަދަން ބޭނުންކޮށްފައިވާ ގަނޑުރަން-- ފޮޓޯ: ޗައިނާ ނިއުސް ޑޮޓްކޮމް
މިދިޔަ އާދިއްތަ ދުވަހު ހަދާފައިވާ އެ މަގަކީ ޗައިނާގެ ހުބޭ ޕްރޮވިންސްގައި ހުންނަ މޯލެއްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ އިތުރުން ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރުމަށް ހަދާފައިވާ މަގެއް ކަމަށް ބީބީސީ އިން ބުންޏެވެ.
ގަނޑުރަނުން ޒީނަތްތެރިކޮށް "ގޯލްޑަން ރޯޑް"ގެ ނަމުން ނަންދީފައިވާ އެމަގު ހަދަން ބޭނުންކުރި ކޮންމެ ގަޑުރަނަކީ 24 ކެރެޓުގެ ރަން ކަމަށާއި އެމަގު ހެދުމަށް ބޭނުންކޮށްފައި ވަނީ 32 މިލިއަން އެމެރިކާ ޑޮލަރުގެ ރަން ކަމަށް ވެސް ބީބީސީ އިން ބުނެފައިވެ އެވެ.

ގަނޑު ރަނުން ޒީނަތްތެރި ކޮށްފައިވާ "ގޯލްޑަން ރޯޑް" މަގުގައި ބަޔަކު ހިނގާފައި ދަނީ-- ފޮޓޯ: ބީބީސީ
ޗައިނާ ރައްޔިތުންގެ ވެރިކަމަކަށް ބަދަލުވީ 1949 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެއް ވަނަ ދުވަހު އެވެ. އެ އުފާވެރި މުނާސަބަތުގައި ހަތް ދުވަހުގެ ގައުމީ ބަންދެއް ވެސް ޗައިނާގައި ފާހަގަކުރެ އެވެ. އެހެންކަމުން އެ ދުވަސް ފާހަގަކުރަން އަޅާފައިވާ "ގޯލްޑަން ރޯޑް" ނެގުމަށް ހަމަޖައްސާފައި ވަނީ ވެސް އެ ހަތް ދުވަހުގެ ބަންދަށް ފަހުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޗައިނާގެ ސަގާފަތަށާއި ދީނީ ގަބޫލުކުރުންތަކަށް ބަލާއިރު ވެސް ރަނަކީ ޗައިނާ މީހުންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. އަދި އެގައުމުގެ ގިނަ އަދަދެއްގެ މީހުން ގަބޫލުކުރާ ގޮތުގައި ރަން މަތީގައި ހިނގުމުން އެމީހަކު ނަސީބުވެރިޔަކަށް ވާނެ އެވެ.