24 Sep 2014, 15:17
އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުގެ މިޑްފީލްޑަރު ސްޓީވަން ޖެރާޑް ދައްކަމުން އަންނަ ކުޅުމާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށް އެ ކްލަބުގެ ކޯޗު ބްރެންޑަން ރޯޖާސް ބުނެފި އެވެ.
މިފަހަރުގެ ޕްރިމިއާ ލީގުގައި ލިވަޕޫލް މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން އެޓީމު ބަލިވެފައިވާތީ ކެޕްޓަން ޖެރާޑުގެ ކުޅުމާ ދޭތެރޭގައި ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ.
މިފަހަރުގެ ވޯލްޑް ކަޕަށްފަހު އިންގްލޭންޑުގެ ގައުމީޓީމަށް ކުޅުނު ހުއްޓައިލި ޖެރާޑްގެ ކެޕްޓަން ކަމުގައި ލިވަޕޫލް މިދިޔަ ހޮނިހިރު ދުވަހު ވެސްޓް ހޭމްއާ ދެކޮޅަށް ކުޅުނު މެޗުން 3-0 ލަނޑުން ލިވަޕޫލް ވަނީ ބަލިވެފަައެވެ.
ރޯޖާސް ބުނީ، ޖެރާޑަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާގެ ކުޅުމާ މެދު އެއްވެސް ވަރަކަށް ކަންބޮޑު ނުވާ ކަމަށެވެ.
"އެއްވެސް ކަމަކާ ހާހެއް ނުވޭ. ޖެރާޑަކީ ވަރަށް މޮޅު ކުޅުންތެރިއެއް. ހަމަ ގައިމުވެސް އަހަރެމެންނަށް ވަރަށް ރަނގަޅު. ހޮނިހިރު ދުވަހު ބަލިވީ ހަމަ ޓީމްވޯކް އެހާ ރަނގަޅު ނޫންވީމަ،" ރޮޖާސް ބުންޏެވެ.
ލިވަޕޫލްގެ ކޯޗު ބުނީ ޓީމުން ބޭނުންވަނީ ވީހާވެސް ބޮޑަށް ޖެރާޑު ބައިވެރި ކޮށްގެން ކުޅުންކަމަށާއި އޭނާގެ ތަޖުރިބާއާއި ހުނަރު އެ ކްލަބަށް ވަރަށް މުހިއްމު ކަމަށެވެ.
"އަހަރެމެން ބޭނުން ވަނީ އޭނާ ވީހާވެސް ބޮޑަކަށް ޓީމުގައި ޝާމިލްކޮށްގެން ކުޅެން. ސަބަބަކީ އޭނާގެ ތަޖުރިބާއާއި ހުނަރަކީ ވަރަށް މުހިއްމު ވާނެ ކަންތައްތައް. މިއީ އޭނާގެ ރިކަވަރީއަށްވެސް ރަނގަޅު ވާނެ ކަންތައް،" ރޯޖާސް ބުންޏެވެ.
ލިވަޕޫލުން މި ސީޒަންގައި އަދި ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާކަމަށް އެއްބަސްވަމުން ރޯޖާސް ބުނީ ކުރިއަށް ހުރި މެޗުތަކުގައި ކުޅުން ރަނގަޅު ކުރާނެ ކަމަށެވެ.
"މި ސީޒަންގެ ފެށުން އެއްގޮތަކަށްވެސް ރަނގަޅެކޭ އަހަރެން ނުބުނާނަން. އެކަމު އަހަރެން މި ކުޅުންތެރިންނާއެކު މަސައްކަތް ކުރަން. އެހެންވީމަ އިނގޭ ކުޅުންތެރިންނަށް ވާގޮތްވެސް. އެ ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތް ކުރެއޭ އަހަރެން ބުނާނީ،" ރޯޖާސް ބުންޏެވެ.