ދެހާސް ނުވަ ވަނަ އަހަރުގެ މެއި މަހު ބިދޭސީންތަކެއްގެ މެދުގައި ހުޅުމާލޭގައި ހިނގި މާރާމާރީއަކާ ގުޅިގެން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާ ބަންގުލަދޭޝްގެ މިހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ދެހާސް ނުވަ ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ ބިދޭސީންތަކެއްގެ މެދުގައި ހުޅުމާލޭގައި ހިނގި މާރާމާރީއަކާ ގުޅިގެން ނިޔާވެފައި ވަނީ އާމިރު ހޮސައިން ނަމަށް ކިޔާ ބަންގުލަދޭޝްގެ ރައްޔިތެކެވެ. އޭނާ ގަސްދުގައި މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ވެސް އެ ގައުމުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ޔާސީންގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ އާމިރު ހޮސައިނަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާ މަރުވެފައިވީ ނަމަވެސް އެ އަނިޔާތައް އާމިރު ހޮސައިނަށް ދީފައި ވަނީ ޔާސީނުކަން ޝަރީއަތަށް ސާބިތުކުރެވޭ ވަރުގެ ހެކި ލިބިފައިނުވާ ކަމަށެވެ.

"...ބަނގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އާމިރު ހޮސައިނަށް ލިބުނު އަނިޔާތަކަކާ ގުޅިގެން، އޭނާ މަރުވެފައިވީ ނަމަވެސް އެ އަނިޔާތައް އާމިރު ހޮސައިނަށް ދީފައި ވަނީ މުހައްމަދު ޔާސީންކަން ސާބިތުވާވަރުގެ ކާފީ ހެކި ލިބިފައިނުވާތީ، މުހައްމަދު ޔާސީނުގެ މައްޗަށް ދައުލަތުން ކުޅަ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ހުކުމްކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.