ގދ. ހޯޑެއްދޫގައި އަމިއްލަ ފަރާތަކުން ހިންގަމުން ގެންދާ ސެންޓާ ފޯ އިންފޯމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓް ކެމްޕަސް (ސީއައިޓީއެމް)ގައި ކޮމްޕިއުޓާ ކޯސް ހެދުމަށް ފައިސާ ދެއްކި ބައެއް ދަރިވަރުންނަށް ކޯސް ނިމެންދެން ކިޔަވައި ނުދީގެންނާއި ކިޔަވައި ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ނުދީގެން ބަޔަކު އެ ސެންޓަރު ދޮަށަށް އެއްވެއްޖެ އެވެ.

އެރަށު ކައުންސިލް އިދާރާ އިން ވާހަކަ ދެއްކެވި އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މިއަދު މެންދުރެއްހާ އިރު އެ ރަށުގެ ފަސް ވަަރަކަށް މީހުން އެ ސެންޓަރު ކައިރިއަށް ގޮސް ހިތްހަމަނުޖެހުން ފާޅުކުރި ކަމަށެވެ. އަދި އޭގެ ތެރޭގައި އެ ސެންޓަރުން ފައިސާ ލިބެން ޖެހޭ މީހުން ވެސް ހިމެނޭ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ސެންޓަރު ހުންނަ ގެއަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭ ތިން މަހުގެ ކުއްޔާއި އެތަނުގެ މުވައްޒަފުންގެ މުސާރަ ވެސް ނުދޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެއްވި މީހުން ހިތްހަމަނުޖެހުން ފާޅުކުރީ ކެމްޕަސްގައި ކޯސްތައް ހިންގި ބައެއް ދަރިވަރުންނަށް ސެޓްފިކެޓްތައް ހަވާލު ކުރުން ލަސްވާތީ އާއި ކޯސްތައް ހެދުމަށް ފައިސާ ދެއްކި ބައެއް ދަރިވަރުންގެ އަތުން ފައިސާ އަތުލުމަށް ފަހު ވަކި ހިސާބަކުން ކިޔަވައިދިނުން ހުއްޓާލައިފައި ވާތީ، އެމީހުން އެތަނަށް ދިޔައީ ގިނަ ބައެއްގެ ޝަކުވާތަކެއް ހިފައިގެން،" އެމީހާ ބުންޏެވެ.

އެ ސެންޓަރުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ސެންޓަރު ހިންގީ ދެ މަސް ދުވަހު ކަމަށެވެ. އަދި ތަން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުން އެގްރީމަންޓް އާ ކުރާނެ ކަމަށް ތަނުގެ ވެރިފަރާތުން ބުނި ނަމަވެސް އެގްރީމަންޓް ވެސް އާ ނުކުރާ ކަމަށާއި ތަން ވެސް ދޫކޮށްލާފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން އެ ސެންޓަރުން ދަރިވަރުންނަށް ލެޕްޓޮޕާއި ސީޕީ އާއި ޕްރިންޓަރު ވިއްކުމަށް ހުޅުވާލި ސުކީމެއްގެ ދަށުން މަހުން މަހަށް ދައްކާ ގޮތަށް ޕީސީއަކަށް 1500 ރުފިޔާ އަދި ލެޕްޓޮޕަކަށް 2500 ރުފިޔާ ނަގާފައިވާ އިރު އެތަކެތި ނުލިބޭ ކަމަށް ވެސް އެއްވި ބައެއް މީހުން ވަނީ ބުނެފަ އެވެ.

އެ ސެންޓަރުގެ ވެރިފަރާތް ކަމުގައިވާ އަލީ ނަސީމު މިއަދު ސަން އަށް ބުނީ އަލުން ކެމްޕަސްގެ ކިޔެވުން ފެށުން ލަސްވީ އިމިގްރޭޝަނުން ޓީޗަރުން ގެނައުމުގައި ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި އަންނަ ހަފްތާގައި ކިޔެވުން ފައްޓާނެ ކަމަށެވެ.

އޭނާ ބުނީ ސެންޓަރުން ކުރިއަށް ގެންދިޔަ ކިޑްސް ލެވެލްގެ 110 ކުދިންގެ ސެޓްފިކެޓްތައް މިހާރު ނިންމައި އެކޮޅަށް ފޮނުވާފައިވާ ކަމަށާއި ދެވަނަ ކޯހުގެ ދަރިވަރުންގެ ކޯހުގެ ބާކީ އޮތީ ދިހަ ދުވަސްކަމުން އެކުދިންނާ ވެސް އެއްކޮށް ސެޓްފިކެޓްދޭންޖެހޭތީ ލަސްވަނީ ކަމަށެވެ. ނަމަވެސް އެކަމާ ހިތްހަމަނުޖެހިގެން ބަޔަކު އެއްވިކަން އެނގިފައިނުވާ ކަމަށް އޭނާ ބުންޏެވެ.

"ސެންޓަރު ކައިރިއަށް ގޮސް މައްސަލަޖެއްސި ކަމަށް ވަނީ ސެންޓަރުން ވިއްކަން ގެންދިޔަ ސިސްޓަމްތަކެއްގެ ތެރެއިން ސިސްޓަމެއް ނުދީގެން ޒާތީ ގޮތުން މީހަކު ކުރި ކަމެއްގެ ގޮތުގައި، ރޯދަ މަހަށް ފަހު ސެމިސްޓާ ބްރޭކް ވެގެން ކޯސްތައް ހުއްޓިފައި ވަނީ، އެހެންވެ ކުލި ވެސް ނުދެއްކި ދެ މަސްވަރު ލަސްވެފައި ވަނީ. ގޭގެ ކުލީގެ މައްސަލާގައި ގޭގެ ވެރިފަރާތާ އެކު ވާނީ އެއްބަސްވުމަށް އާދެވިފައި، އަންނަ ހަފްތާގައި ކޯސްތައް ފެށުމާ އެކު ކުލި ދައްކާނަން،" ނަސީމްބުންޏެވެ.

އެ ސެންޓަރުން ހުޅުވާލި ސުކީމްގެ ދަށުން ދަރިވަރުންނަށް ދޫކޮށްފައި ވަނީ ސިސްޓަމާއި ޕްރިންޓަރާއި ލެޕްޓޮޕް ކަމަށާއި އެތަކެއްޗަށް އެދުނު 10 ދަރިވަރުންގެ ތެރެއިން ހަތަރު މީހަކަށް އެއްޗެހި ދޫކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ކެމްޕަސްގައި ބޮޑެތި މީހުންނަށް ހިންގަނީ 1000 ރުފިޔާގެ ކޯސްތަކެވެ. އަދި ކިޑް ލެވެލް ކޯސްތަކަށް ކޮންމެ ކުއްޖެއްގެ އަތުން ނަގަނީ 400 ރުފިޔާ އެވެ. ގާތްގަނޑަކަށް 120 ކުދިން އެ ސެންޓަރުގެ ކޯސްތަކުގައި ވަނީ ބައިވެރިވެފަ އެވެ.