24 Sep 2014, 15:04
ބޭރުބަޔަކާ ގުޅިގެން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންނަށް ވަކީލަކު ހަމަޖެއްސުމަށް އެއް މަސް ދުވަހުގެ ފުރުސަތެއް ކްރިމިނަލް ކޯޓުން ދީފިއެވެ.
މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ ވަކީލަކު ހަމަޖައްސަން އެއް މަސް ދުވަސް ދިން ކަމުގައި ވިޔަސް އެއަށްވުރެ ކުރިން ވަކީލަކު ހަމަޖެއްސިއްޖެ ނަމަ، އެއް މަސްވުމުގެ ކުރިން ވެސް ޝަރީއަތް ކުރިއަށްގެންދާނެ ކަމަށެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވެނީ ހ. އެވާޕީސް، އަބްދުﷲ ސޮފްވަތާއި ގ. ޓްރަސްޓްހޯމް، އިސްމާއީލް މޫސާގެ މައްޗަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ސޮފްވަތު ބުނީ ވަކީލަކު ހަމަޖެއްސުމަށް ޓަކައި އާއިލާއަށް ފޯނު ކުރުމުގެ ފުރުސަތު ފުލުހުންދީފައިވާ ކަމަށާއި ނަމަވެސް "ބޭބެ ބިޒީކޮށް" އުޅޭތީ އާއި މަންމަ ބަލިވެ އުޅޭތީ ވަކީލަކު ހަމަޖެއްސުމަށް ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށް އިތުރު ފުރުސަތު ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.
އިސްމާއީލް މޫސާ ބުނީ އާއިލާއަށް ފޯނުކޮށް ވަކީލަކު ހަމަޖައްސައިދިނުމަށް އެދިފައިވާ ކަމަށާއި ނަމަވެސް އޭގެފަހުން އާއިލާގެ ފަރާތުން ޖަވާބެއް ނުލިބޭ ކަމަށެވެ. އެ ދެ މީހުން ވެސް ބޭނުން ވަނީ ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖައްސާށެވެ.
ގާޒީ ވިދާޅުވީ މިއީ ވަކީލަކު ހަމަޖައްސަން އެމީހުންނަށް ދެވޭ ތިން ވަނަ ފުރުސަތު ކަމަށާއި އެ މައްސަލަ ލަސްވުމުގެ ޒިންމާ ކޯޓުން ނުނަގާނެ ކަމަށެވެ.
ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވެފައި ވަނީ އެ ދެ މީހުން މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހުގެ ރޭ 9:30 އެހައިކަންހާއިރު ކަމަށެވެ.
ހޮރުމޯޒު ނަމަކަށް ކިޔާ އީރާނުގެ ބޯޓުން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ، ޑިންގީއެއްގެ ކައްޅި ތަކުގެ ތެރެއަށްލައި ފައިބަރުޖަހައި ބަންދުކޮށްގެނެވެ. އެ ތަކެތި ބަލައި ހޮރުމޯޒު ބޯޓަށް ދިޔަ މީހުން ފުލުހުން އަތުލައިގަތީ، އއ. މަތިވެރިއާ ދިމާލުން 30 ނޯޓިކަލް މޭލު ބޭރުން މަސްތުވާތަކެތި ފޮރުވާފައިވާ ޑިންގީ ހިފައިގެން ދޯނީގައި އައިސް ހުޅުމާލެއަށް ފޭބިވަގުތު އެވެ.
މަސްތުވާތަކެތި ހިފައިގެން ރާއްޖެ އައި ހޮރުމޯޒު ބޯޓުގައި ތިބި ޕާކިސްތާނުގެ 11 މީހަކު ވެސް އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް ފުލުހުންގެ ތަހުގީގު ނިމުނުއިރު އެމީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިނުވާތީ އެ އެންމެން މިހާރު ވަނީ ޑީޕޯޓުކޮށްލާފަ އެވެ.
އެ ދައުވާގެ އިތުރުން އެ ދެ މީހުންގެތެރެއިން އިސްމާއީލް މޫސާގެ މައްޗަށް އުފުލާފައިވާ ކެނަބިހުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެ މައްސަލައަށް އޭނާ ވަނީ އަމިއްލަ ވަކީލަކު ހަމަޖައްސާފައެވެ. މިއަދުގެ ޝަރީއަތުގައި އެ ދެ ދައުވާ އަށް ޖަވާބުދާރީ ވުމަށް ފުރުސަތު އެރުވުމުން އިސްމާއީލް މޫސާ ވަނީ ދެ ދައުވާ އަށް ވެސް އިންކާރުކޮށްފައެވެ.
އޭނާގެ ދިފާއީ ވަކީލު ވިދާޅުވީ ތަފްސީލީ ގޮތެއްގައި އެ ދައުވާ އަށް ޖަވާބުދާރީ ވެވޭނީ މައްސަލައާ ގުޅޭ ލިޔުންތައް ލިބިގެން ކަމަށާއި އަދިވެސް ލިޔުންތައް ލިބިފައިނުވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ގާޒީ ނިންމަވާލެއްވީ އެ ދެ މައްސަލައިގެ އިތުރު އަޑުއެހުމެއް މިމަހުގެ 28 ވަނަ ދުވަހު އޮންނާނެ ކަމަށް އިއުލާން ކުރެއްވުމަށްފަހު އެވެ.
އިސްމާއީލް މޫސާގެ މައްޗަށް ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ، އޭނާ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިސްމާއީލް މޫސާ ދިރިއުޅޭގެ ބަލައި ފާސްކުރި އިރު، އޭނާ ނިދާ އެނދުގެ ހެޑްބޯޑުމަތިން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިސް ފެނިފައިވާތީ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ އޭނާ ދިރިއުޅޭ ކޮޓަރިތެރެއިން އަންހެން ހައްޓަކާއި ފަސް ފިރިހެން ހަށި ފެނިފައިވާތީ ކަމަށް ވެސް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ.