ހުވަދު އަތޮޅަށް ޚިދުމަތް ދިނުމާ އެކު ސަން އެފްއެމް ރާއްޖޭގެ އެންމެ ކަވަރޭޖް ފުޅާ ޕްރައިވެޓް ރޭޑިއޯ ސްޓޭޝަންގެ ގޮތުގައި ހިމެނިއްޖެ އެވެ.

ހުވަދު އަތޮޅުގައި އެންމެ އާބާދީ ބޮޑު ރަށް ތަކުގެ ތެރެއިން ގދ. ތިނަދޫ އާއި ގދ. ގައްދޫ އަށް ސަން އެފްއެމްގެ ޚިދުމަތް ދޫކޮށްފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

ސަން އެފްއެމްގެ އިންޖިނިއަރިން ޑިޕާޓްމެންޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ގައްދޫ އާއި ތިނަދު އަށް ޚިދުމަތް ދޫކޮށްފައިވާ އިރު އެ ދެ ރަށާ ކައިރީގައި ހުރި ގިނަ ރަށްތަކަކަށް ވެސް ސަން އެފްއެމް ރޭޑިއޯގެ ޚިދުމަތް މިހާރު ލިބެމުން ދާނެ އެވެ.

ސަންއެފްއެމްގެ އޮފިޝަލު ވިދާޅުވި ގޮތުގައި އެ ރޭޑިއޯގެ ޚިދުމަތް މިހާރު ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ ދެ ބަޔަށް ވުރެ ބޮޑު ސަރަހައްދަކަށް ލިބޭނެ އެވެ. އޭގެ ތެރޭގައި އައްޑު އަތޮޅާއި ފުވައްމުލަކާއި ހއ، ހދ. އަދި ށ. އަތޮޅުގެ ބޮޑު ބަޔަކާއި މާލެ އާއި މާލެ ހިމެނޭ ސަރަހައްދު އަދި ފ އަތޮޅާއި ދ. އަތޮޅު ވެސް ހިމެނެ އެވެ. މީގެ ތެރެއިން ފ. އަދި ދ. އަތޮޅާއި ގދ. އަދި ފުވައްމުލަކަށް ސަން އެފްއެމް ފިޔަވައި އެހެން އެއްވެސް ޕްރައިވެޓް ރެޑިއޯ ސްޓޭޝަނަކުން ޚިދުމަތެއް ނުދެ އެވެ.
ސަން އެފްއެމްގެ އޮފިޝަލު ވިދާޅުވީ އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި ސަން އެފްއެމްގެ ޚިދުމަތް އިތުރު ތިން އަތޮޅަކަށް ފުޅާ ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މުޅި ރާއްޖެ ކަވަރު ކުރުމަށް ރާވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސަން އެފްއެމް އަކީ ރާއްޖޭގައި ދެވަނަ އަށް އުފެދުނު ޕްރައިވެޓް ރޭޑިއޯ ސްޓޭޝަން އެވެ. އެހެން ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި ސަންއެފްއެމް އިން ވަނީ ރާއްޖޭގެ އެންމެ މަގުބޫލު ރޭޑިއޯ ސްޓޭޝަންގެ މަގާމު ހޯދާފަ އެވެ. އެ ގޮތުން ޚަބަރު ތައް އެންމެ ތާޒާ ކަމާ އެކު ވަގުތުން ވަގުތަށް އެންމެ އަވަހަށް ގެނެސްދޭ ރޭޑިއޯ ސްޓޭޝަނަކީ ސަންއެފްއެމް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ސަން އެފްއެމް އަކީ 24 ގަޑި އިރު ޚިދުމަތް ދޭ ރޭޑިއޯ ސްޓޭޝަން އެކެވެ. ސަން އޮންލައިން މެދުވެރިކޮށް ބޭރު ގައުމު ތަކުގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ ދިވެހިން ވެސް ސަން އެފްއެމް ރޭޑިއޯ އަޑު އަހަމުން ގެންދެ އެވެ.