24 Sep 2014, 14:47
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކަށް އެހީތެރިވެދޭ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން ދެމުން އަންނަ "ޑިސެބިލިޓީ އެވޯޑް" 15 ފަރާތަކަށް މިއަދު ހަވާލުކޮށްފި އެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެވެ.
ޑިސެބިލިޓީ އެވޯޑް މި އަހަރު ހަވާލުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި 11 ފަރުދުންނާއި ހަތަރު މުއައްސަސާއެއް ހިމެނެ އެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިތްވަރުދީ އެމީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ވެދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ ފަރާތްތައް ހިމެނެ އެވެ. އޭގެ ތެރޭގައި އިވުމާއި ފެނުމުން މަހުރޫމްވެފައިވީ ނަމަވެސް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދީގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އެވޯޑް ހާސިލްކުރެއްވި ފަރާތްތައް ވެސް ހިމެނެ އެވެ.

ޑިސެބިލިޓީ އެވޯޑު މި އަހަރު ލިބުނު މީހުންގެ ތެރޭގައި ދަފުތަރު ނަމްބަރު609، ހުސެއިން ނަޒީހް ޔައުގޫބާއި އަޑު އިވުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އެހީވަމުން އަންނަ، އަޑު އެހުމުން މަހްރޫމްވެފައިވާ، ވިލިމާލެ، ބާބުއްސަލާމް، އަހުމަދު އަޝްފާގާއި އަޑު އިވުމުން މަހްރޫމްވެފައިވާ ކުދިންނަށް ކިޔަވައިދެމުން އަންނަ ރ. އިންނަމާދޫ، ފެހިވިލާ، މަރިޔަމް ރިޒްވީނާ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހޯދައިދެމުން އަންނަ ރ. ކަނދޮޅުދޫ، އަލި ހަވާސާ، މުހައްމަދު ސައްދާމް ހިމެނެ އެވެ.
އޭގެ އިތުރުން ލޯފަން މީހެއް ކަމަށްވާ، އދ. ހަންޏާމީދޫ، ސޯސަންމީޑް، މުހައްމަދު މުސްލިމާއި ފ. ފީއަލީ، ބަގީޗާގެ، ހުސެއިން ޝަރީފާއި ކ. މާފުށީ، ރަތްވިލާގެ، މަރިޔަމް ފަޒްނީ އާއި ދަފްތަރު ނަމްބަރު 1621، ފައުޒިއްޔާ މަހްމޫދާއި މ. މުލައް، ހުސްނޫވިލާ، އައިޝަތު ޒައީމާއި ދަފްތަރު ނަމްބަރު 4356، މަރިޔަމް ޝަހުދާ އާއި ގ. ނީރުވީކް، އަހުމަދު ހިސާން ވަނީ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިގެން އެވޯޑް ހާސިލްކޮށްފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ތަންތަނުގެ ތެރެއިން މި އަހަރު އެވޯޑު ލިބުނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި އިމާދުއްދީން ސްކޫލާއި ޝަރަފުއްދީން ސްކޫލުގެ އިތުރުން ޔުނިވާސަލް އެންޓަޕްރައިސެސް ޕްރައިވެޓް ލިމިޓެޑަށެވެ.
ޑިސެބިލިޓީ އެވޯޑަކީ ކޮންމެ ދެ އަހަރުން އެއް އަހަރު ދެމުން އަންނަ އެވޯޑެކެވެ. އެންމެ ފުރަތަމަ 2012 ވަނަ އަހަރު އެ އެވޯޑް ދީފައިވާ އިރު މިއީ އެ އެވޯޑް ރާއްޖޭގައި ދޭ ދެވަނަ ފަހަރެވެ.