24 Sep 2014, 13:58
ނުކުޅެދޭ މީހުންނަށް ދެމުންގެންދާ އެއްބާރުލުމާއި އަޅާލުން މުޖުތަމައުގައި މިއަދަށް ވުރެ ވެސް ބޮޑަށް އިތުރުވެގެން ދާނީ ދައުލަތުން ތަންފީޒުކުރަން ޖެހޭ ކަންކަން އެކަށީގެންވާ ވަރަށް ތަންފީޒުކޮށްގެން ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކަށް އެހީތެރިވެދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ "ޑިސެބިލިޓީ އެވޯޑް" ދިނުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަނިލް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ވެސް ބޭނުންތެރި ބަޔަކަށް ހެދުމަށް ބޭނުން ވަނީ މުޅި މުޖުތަމައުގެ އޯގާތެރިކަން ކަމަށާއި އެކަން ކުރެވޭނީ ސަރުކާރުގެ ފަރާތުން ވެސް ކުރަން ޖެހޭ ކަންކަން އެކަށީގެންވާ ގޮތުގައި ކުރެވިގެން ކަމަށެވެ.
"އެކަން އިތުރަށް ހަރުދަނާވެގެން ދާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކަން ފޯރުކޮށްދިނުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން ދައުލަތުގެ ފަރާތުން ތަންފީޒުކުރަން ޖެހޭ ކަންތައްތައް އެކަށީގެންވާ ވަރަށް ތަންފީޒު ކުރެވިގެން. އަދި ގާނޫނު އަސާސީގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ދައުލަތުގެ ފަރާތުން ވެސް ހާއްސަ އެހީތެރިކަން ފޯރުކޮށްދޭން ވެސް މިވަނީ ޖެހިފައި،" އަނިލް ވިދާޅުވި އެވެ.
އެނާ ވިދާޅުވީ އެކަމަށް ޓަކައި ސަރުކާރުން މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސަރުކާރުގެ ހާއްސަ އެކީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް އޯގާތެރިކަމާ އެކު ފަރުވާ ލިބުމުގެ ސިޔާސަތުގެ ދަށުން ގިނަ ކަންތައްތަކެއް މިހާރު ފަށާފައިވާ އިރު އަނެއްބައިކަންކަން ކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
"ސަރުކާރުން ދެމުންދާ ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ހަދައި ދިނުމަށް ދާއިމީ ކާޑެއްގެ އެހީގައި ހިދުމަތް ހޯދޭނެ ގޮތްތައް ގާއިމުކުރުމަށް މިހާރު ސަރުކާރުން ވަނީ މަސައްކަތްތަކެއް ފަށާފައި. އޭގެ ސަބަބުން ގިނަ މީހުން ހިދުމަތް ހޯދަން އަންނަ ތަންތަނުން ވެސް އެމީހުންނަށް ފަސޭހަކަމާ އެކު ހިދުމަތް ލިބޭނެ. ޑިސްކައުންޓް ވެސް ލިބޭނެ،" އަނިލް ވިދާޅުވި އެވެ.
އޭގެ އިތުރުން އެމީހުންނަށް ފޯރުކޯށްދޭން ޖެހޭ ތައުލީމާއި ތަމްރީނު ދިނުމުގައި އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މިހާރު އެޑިއުކޭޝަން މިނިސްޓްރީ އިން މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި ގާނޫނުގެ 17 އަދި 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ތަފާތުކުރުމެއް ނެތި ހަމަހަމަ ހައްގުތަކެއް ލިބިދޭ ބަޔަކަށް ހެދުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް އޭޖީ އަނީލް ފާހަގަކުރެއްވި އެވެ.