ރާއްޖޭގެ 116 ރަށަކަށް ރަށްގިރުމުގެ މައްސަލަ ދިމާވެގެން ރިޕޯޓްކޮށްފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އިއްޔެ ނިއުޔޯކްގައި ބޭއްވި ކްލައިމެޓް ސަމިޓާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ 116 ރަށަކުން ރަށް ގިރުމުގެ މައްސަލަ ދިމާވެގެން ރިޕޯޓުކޮށްފައިވާ އިރު، އޭގެ ތެރެއިން 64 ރަށަކީ ގިރުމުގެ މައްސަލަ ބޮޑެތި މައްސަލަތައް ހުރި ރަށްތައް ކަމަށެވެ. އަދި އެ ރަށް ރަށް ހިމާޔަތް ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރަށް ގިރުމުގެ މައްސަލަ ދިމާވެފައިވާ ރަށްތަކުގެ ތެރޭގައި ކުރިއްސުރެ ގިރަމުން އަންނަ ރަށްތަކާއި އާ ރަށްތައް ވެސް ހިމެނޭ ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރަށް ގިރުމުގެ ސަބަބުން އެއްވެސް ރަށެއް ނާޒުކު ހާލަތަކަށް ދިޔަ ނުދިނުމަށް،" މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުކޮށް ގޮނޑުދޮށްތައް ހިމާޔަތް ކުރުމަށް ބައެއް ރަށްރަށުގައި ތޮށިލަމުން ވެސް އަންނަ ކަމަށެވެ.

އަދި ތިމާވެށީގެ މައްސަލަތަކުގައި ރާއްޖެ އިން ބަލަހައްޓައިގެން ނުތިބޭނެ ކަމަށާއި އަމިއްލަ އަށް ނަމަވެސް އެ ކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަދި ވިދާޅުވީ ރާއްޖޭގެ 196 ރަށެއްގައި ދުވާލު ބޭނުން ކުރާ ކަރަންޓުގެ 30 ޕަސެންޓް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އިއާދަ ކުރެވޭ ހަކަތައިން ދޫކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި އެގޮތުން ބައެއް ރަށްރަށުގައި ސޯލާ ޕެނަލްތައް ބަހައްޓައި އިއާދަކުރެވޭ ހަކަތައިން ކަރަންޓު ދޫކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާރު ވެސް ގދ. ތިނަދޫގައި 30 ޕަސެންޓް ކަރަންޓް އެގޮތަށް ބޭނުން ކުރަމުން އަންނަ ކަމަށާއި އިތުރު ރަށްރަށަށް ވެސް ވަރަށް އަވަހަށް އިއާދަކުރެވޭ ހަކަތައިން ކަރަންޓް ދޫކުރާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން އަންނަ އަހަރު ތެރޭ، ހަތަރު މެގަވޮޓުގެ ކަރަންޓް ދޭ ސޯލާ ޕެނަލްތައް ބަހައްޓާނެ ކަމަށް ތޯރިގް ވިދާލުވި އެވެ.

"ވަރަށް އަވަހަށް ދ. ކުޑަހުވަދު އާއި ރ. އުނގޫފާރާއި ކ. ދިއްފުށީގައި ވެސް ސޯލާ ޕެނަލްތަކުން ކަރަންޓު ދޫކުރާނަން. އަދި އިތުރު ފަސް ރަށެއްގައި ވެސް މި މަސައްކަތް އަންނަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ދުނިޔެ އިން އެންމެ މަދުން ވިހަ ގޭސް ދޫކުރަނީ ރާއްޖެ އިން ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖެ އަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަށް ލޯ ކާބަން އެމިޝަން ޕޮލިސީއެއް ސަރުކާރުން ތައްޔާރު ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ސަރުކާރުގެ ހުރިހާ ޕްރޮޖެކްޓެއް ވެސް ހިންގާނީ އެ ޕޮލިސީގެ ދަށުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.