މާލޭގައި ހުންނަ ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރުން ހުއްޓުވުމަށް ބާރުގެ ބޭނުން ކުރާނީ އެކަން ހުއްޓުވުމަށް ސުލްހަވެރިކަމާ އެކު ކުރާ ހުރިހާ މަސައްކަތެއް ނާކާމިޔާބު ވުމުން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މީޑިއާ ކައުންސިލްގެ އިންތިހާބު ފަސްކުރުމާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ވަކި ޖަމާއަތެއް ހަދައިގެން ހުކުރު ކުރުން ހުއްޓުވަން މިހާރު ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"... އަދި އެކަން ހުއްޓުވުމަށް ޓަކައި މިމިނިސްޓްރީން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސަކަތް މިހާރު ހިނގަމުން އެބަދޭ. ހުއްޓުވުމަކީ ހަމަ އެކަނި ފިޒިކަލީ ގޮސް އެތާނގައި ޝީލްޑް ޖައްސައިގެން ހުއްޓުވުމެއް ނޫން ބައެއް ފަހަރަކަށް. މިކަމުގެ ބާވަތުން އަޅުގަނޑުމެން ބޭނުން އެކަން ކުރާ މީހުންނަށް ނަސީހަތްދީ، ދީނުގައި އޮތް ގޮތް އެމީހުންނަށް ބުނެދީ އެކަންކަން ކުރަން. އެކަންކަން އެބަ ހިނގާ މިހާރު. އިސްލާމިކް މިނިސްޓްރީން ވަރަށް ހާއްސަ ޕްރޮގްރާމްތަކެއް ރާއްވަވައިގެން އެފަދަ ބައެއް ބޭފުޅުން ހާޒިރުކޮށް އެބޭފުޅުންނާ ސީދާ ވަން ޓު ވަން ވާހަކަ ދައްކަވައިގެން ދީނުގައި މިކަން އޮންނަ ގޮތް އޮޅުން ފިލުވައިދިނުމުގެ މަސައްކަތް އެބަ ކުރައްވާ. އެ ހުރިހާ މަސައްކަތެއް ފެއިލް ވެއްޖެއްޔާ މެނުވީ އަޅުގަނޑުމެން މި ގާނޫނީ ބާރުގެ ބޭނުމެއް ނުއެއް ކުރާނަން،" އުމަރު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހުކުރު ނަމާދު ނޫން އެހެން ނަމާދުތައް ވެސް ވަކިން ޖަމާއަތް ހަދައިގެން ކުރުމަކީ ރާއްޖޭގައި މަނާކަމެއް ކަމަށެވެ. އަދި ވިދާޅުވީ ވަކިން ޖަމާއަތް ހަދައިގެން ރާއްޖޭގައި އެއްވެސް ނަމާދެއް ކޮށްގެން ނުވާނެ ކަމަށެވެ.

"... އެއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާކަމެއް. ދިވެހި ރާއްޖޭގެ އެއްވެސް ބަޔަކު، ވަކިން ޖަމާއަތް ހަދައިގެން، ވަކި ހުކުރު ނަމާދު އެކަންޏެއް ނޫން، އެއްވެސް ނަމާދެއް ވަކިން ޖަމާއަތް ހަދައިގެން ކޮށްގެން ނުވާނެ. އެއީ ގާނޫނީ ގޮތުން މަނާކަމެއް،" އުމަރު ވިދާޅުވި އެވެ.


ދަރުމަވަންތަ މިސްކިތުގައި ވަކިން ހުކުރުގެ ޖަމާއަތެއް ހަދައި، ސަރުކާރުންދޭ ހުތުބާއެއް ނޫން އެހެން ހުތުބާއެއް ކިޔަމުން އަންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ވާހަކަ ދައްކައިގެން އެކަން ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ވެސް ކުރިން ވަނީ ބުނެފަ އެވެ.