"ޔުނިވާސަލް ޕީރިއޮޑިކް ރިވިއު" (ޔޫޕީއާރު) ރިޕޯޓު ނެރުމުގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް އެ ރިޕޯޓުގެ ޑްރާފްޓު ފޮނުވި ކަމަށާއި ނަމަވެސް އެތަނުން އެ ރިޕޯޓުގައި އެއްވެސް މައްސަލައެއް ހުރި ކަމަށް ބުނެފައި ނުވާ ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އިފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

ސުޕްރީމް ކޯޓުން ބަލަމުން އަންނަ ސުމޯޓޯ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަށް ޖަވާބުދާރީވަމުން އެޗްއާރްސީއެމްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން އެ ކޮމިޝަނުން ތައްޔާރުކޮށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާފައިވާ ޔޫޕީއާރު ރިޕޯޓު އާންމު ކުރުމުގެ ކުރިން މަސްލަހަތު އޮތް ހުރިހާ ފަރާތްތަކެއްގެ ކޮމެންޓު ހޯދާފައިވާނެ ކަމަށެވެ.

އެގޮތުން މިދިޔަ އޯގަސްޓު މަހުގެ 31 ވަނަ ދުވަހު ޑީޖޭއޭގެ ކޮމެންޓެއް ހޯދުމަށް އެ ރިޕޯޓުގެ ޑްރާފްޓު ފޮނުވި ކަމަށާއި ނަމަވެސް މި މަހުގެ 14 ވަނަ ދުވަހު އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް އެރިޕޯޓު ހުށަހެޅުމާ ހަމައަށް ވެސް އެތަނުން އެ ރިޕޯޓާ ގުޅޭ ގޮތުން އެއްވެސް ކޮމެންޓެއް ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޑީޖޭއޭ އަކީ ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން އަންނަ ތަނެކެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވަނީ ދައުވާ އަކީ ކޮބައިކަން އެޗްއާރްސީއެމްގެ މެމްބަރުންނަށް އޮޅުންފިލުވައިދީފަ އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުމޯޓޯ މައްސަލަ ބަލަން ޖެހުނީ ސުޕްރީމް ކޯޓުގެ އިހްތިސޯސް އޮޅޭ ގޮތަށް ޔޫޕީއާރު ރިޕޯޓުގައި ހަގީގަތާ ޚިލާފު ވާހަކަތަކެއް ހިމަނާފައިވާތީ ކަމަށެވެ. އަދި އެ މައްސަލަ ބަލަނީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި ކޯޓުތަކާ ބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ގަވާއިދުގެ 86 ވަނަ މާއްދާގެ ދަށުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ދައުވާ އަށް ޖަވާބުދާރީވުމަށް ފުރުސަތު އެރުވުމުން އެޗްއާރްސީއެމްގެ ވަކީލު ވިދާޅުވީ ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު ދިނުމަށް އެދި ކޮމިޝަންގެ މެމްބަރުން ސުޕްރީމް ކޯޓުގައި ލިޔުމުން އެދިފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ ފުރުސަތު ކޯޓުން ދޭނެ ކަމަށެވެ. އަދި މިއަދުގެ ޝަރީއަތުގައި ދައްކާނެ ވާހަކައެއް ހުރި ނަމަ އެވާހަކަތައް ދެއްކުމަށް އެމަނިކުފާނު ފުރުސަތު ދެއްވި އެވެ.

މައުމޫން ހަމީދު ވިދާޅުވީ ޔޫޕީއާރް ރިޕޯޓަކީ ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ހަމަތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށެވެ. އަދި ގަސްދުގައި ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް އެ ކޮމިޝަންގެ މެމްބަރުން މަސައްކަތް ކޮށްފައިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރިޕޯޓުގެ ޑްރާފްޓު ފޮނުވުމުން އެޓާނީ ޖެނެރަލްގެ އޮފީހުން ލަފާދީފައި ވަނީ ބައެއް މައުލޫމާތު ރިޕޯޓަށް އިތުރު ކުރުމަށް ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަމަށެވެ.