24 Sep 2014, 12:26
އުސާމާ ބިން ލާދިންގެ ދަނބިދަރި، ސުލައިމާނު އަބޫ ގައިތު އުމުރަށް ޖަލަށް ލުމަށް އަންގާރަ ދުވަހު ނިއުޔޯކްގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.
އަލް ގައިދާ އަށް ހަތިޔާރުގެ އެހީ ފޯރު ކޮށްދިނުމާއި އެމެރިކާގެ އެތައް އާންމުންގެ ބަޔަކު މަރާލުމަށް ރޭވި ކަމާއި ސެޕްޓެމްބަރު 11ގައި ނިޔޯކް ޓަވަރަށް ދިން ބޮމުގެ ހަމަލާގައި އެހީތަކެއް ވެފައިވާ ކަމަށް އަބޫ ގައިތުގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
އެމެރިކާގެ ޑިސްޓްރިކްޓު ޖަޖް ލުވިސް ކެޕްލަން ހުކުމް އިއްވުމުގެ ކުރިން އަބޫ ގައިތަށް ވާހަކަ ދައްކަން ދިން ފުރުސަތުގައި އޭނާ ބުނީ އޭނާ ޖަލަށް ލުމާ އެކު އެތައް ޒުވާން މުސްލިމުންތަކެއް ހަނގުރާމައަށް ނުކުންނާނެ ކަމަށެވެ.
"މިއަދު އަހަރެން ބަނުމަށް ފަހް މިތަނުން ނެރުމާ އެކު އެތަކެއް މުސްލިމު ޒުވާނުންނެއް ނުކުންނާނެ. އަދި މިނިވަނުންގެ މި ހަނގުރާމައިގައި އެމީހުން ވެސް ބައިވެރި ވާނެ،" އަބޫ ގައިތު ބުންޏެވެ.
އަބޫ ގައިތުގެ ދިފާއުގައި ވާހަކަ ދައްކަމުން އޭނާގެ ވަކީލު ބުނެފައި ވަނީ އަބޫ ގައިތު ކުށްވެރި ވާން ޖެހޭނީ ހަމައެކަނި ވާހަކަ ދައްކައިގެން ކަމަށާއި އޭނާ ބޮލުގައި އަޅުވާފައިވާ އެއްވެސް ތުހުމަތެއްގެ ހެއްކެއް އިދިކޮޅު ފަރާތުގައި ނެތް ކަމަށެވެ.
ސެޕްޓެމްބަރު 11ގެ ބޮމުގެ ހާދިސާގެ ދުވަހުގައި އަބޫ ގައިތާ ބިން ލާދިން ދިމާވި ކަމަށް އޭނާ އެއްބަސް ވެފައިވެ އެވެ. އަބޫ ގައިތު ބުނީ ބިން ލާދިން ބޮން ގޮއްވާލި ކަމަށް އޭނާ ކައިރީ އެއްބަސްވި ކަމަށެވެ. ހާދިސާ ދިމާވުމުގެ ދެވަނަ އަށްވީ ދުވަހު ވީޑިއޯއެއް ރެކޯޑު ކުރި ކަމަށް އެއްބަސް ވެފައިވި ކަމުގައިވީ ނަމަވެސް އަލް ގައިދާގެ މެމްބަރުންނާ ވާހަކަ ދައްކާފައިވާ ކަމަށް އަބޫ ގައިތު އެއްބަހެއް ނުވެ އެވެ.
ހުކުމް އިއްވުމާ ގުޅިގެން އެމެރިކާގެ އެޓާނީ ވިދާޅުވީ ޓެރަރިޒަމް ކަހަލަ ކުށްތަކުގެ މައްސަލަ ބަލަން އެންމެ އެދެވެނީ ސިވިލިއަން ކޯޓުތަކުގައި ކަމަށެވެ.