ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް އެފަދަ ފަރާތްތަކަށް ހާއްސަކޮށްގެން މިއަހަރުގެ ތެރޭގައި 15 ފްލެޓް ދުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކަށް އެހީތެރިވެދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ "ޑިސެބިލިޓީ އެވޯޑް" ދިނުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި އޮތް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަން ފޯރުކޯށްދޭން ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ދޫކުރާ ފްލެޓްތަކުން 15 ފްލެޓެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް މި އަހަރު ދޫކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ވެސް އެބަތިބި ނުކުޅެދުންތެރިކަން ހުރި ނަމަވެސް ހުނަރުވެރިން. އެމީހުންގެ އަގު ވަޒަންކުރަން ޖެހޭ. އަޅާލުމާ ލޯބި ދެވިއްޖެނަމަ އާންމު ހާލަތައް އެމީހުން ރުޖޫއަ ކުރެވޭނެ. މީގެ ކުރިން ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 15 ފްލެޓެއް ވަނީ ދީފައި. އިރާދަކުރެއްވިއްޔާ މި އަހަރު އިތުރު 15 ފްލެޓް ދޫކުރާނަން،" ރައީސް ވިދާޅުވި އެވެ.

މިހާރު ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި ސަރުކާރުގައި ރަޖިސްޓްރީކޮށްފައި 5400 އެއްހާ މީހުން އެބަތިބި ކަމަށާއި މިހަފްތާގެ ތެރޭގައި އެފަދަ މީހުން ދެނެގަތުމަށްޓަކާ ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ ކަމަށެވެ. އެހެންކަމުން އެފަދަ މީހުން ފްލެޓްތަކަށް "އެޕްލައި" ކުރުމަށާއި މާކްސް ދިނުމުގައި އެމީހުންނަށް ހާއްސަ އުސޫލަކުން ބަލާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ސަރުކާރެއްގައި އަޅުގަނޑު ބޭނުންވޭ މި ދޫކުރެވޭ ހައުސިން ހުރިހާ ސުކީމްތަކެއްގެ ދަށުން އާންމު އުސޫލުން މާކްސްދެވޭ ނުކުޅެދުންތެރިކަން ހުންނަ އާއިލާތައް އެޕްލައި ކޮށްފިކަމަށް ވަންޏާ ހާއްސަކޮށް ދެވޭ ފްލެޓްތަކުގެ އިތުރުން އެމީހުންނަށް އިސްކޮށް މާކްސް ދެވޭނެ އުސޫލެއް މިއަދުން ފެށިގެން ގާއިމް ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީވުމަށް ވެސް ފަންނީ މީހުން އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި އެފަދަ މީހުން ހޯދުމަށް ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށާއި ސިއްހީ ދާއިރާއިންނާއި ތައުލީމީ ދާއިރާއިން ވެސް ފަންނުވެރިން ހޯދަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ވަޒީފާދޭ ފަރާތްތަކުން ވެސް އެކަމަށް ހާއްސަކޮށް މަސައްކަތްކޮށް އެފަދަ މީހުންނަށް ވަޒީފާގެ ފުރުސަތު އިތުރުކޮށްދޭން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.