24 Sep 2014, 11:10
ނަރުދަމާ އެޅުމަށް ބޭނުންވާ ސާމާނު ހއ. ހޯރަފުއްޓަށް ގެންދަން ފަށައިފި އެވެ.
ހޯރަފުށި ނަރުދަމާ ޕްރޮޖެކްޓްގެ އެސިސްޓެންސް ހައްސާން ނައީމް މިއަދު ސަން އަށް ވިދާޅުވީ އެ ރަށުގައި ނަރުދަމާ އެޅުމަށް ބޭނުންވާ ސާމާނު ގެންނަން ފަށާފައި ވަނީ މީގެ ތިން ދުވަސް ކުރިން ކަމަށާއި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ނަރުދަމާ އެޅުމަށް ބޭނުންވާ ހުރިހާ ސާމާނެއް އެ ރަށަށް ގެންގޮސް ނިންމާލެވޭނެ ކަމަށެވެ.

ނަރުދަމާ އެޅުމަށް ހޯރަފުއްޓަށް ގެންދިޔަ ސާމާނު އެރަށަށް ބާލަނީ-- ސަން ފޮޓޯ: ކިޔުންތެރިއެއް
"ތިން ބޯޓްގެ މުދާ މިހާރު ގެނެސްފިން. ދެ ތިން ދުވަހެއްގެ ތެރޭގައި މި ޕްރޮޖެކްޓަށް ބޭނުންވާ ހުރިހާ ސާނާނެއް މިރަށަށް ގެނެވޭނެ، މިހާރު ގެނައި ތަކެތީގެ ތެރޭގައި ހިމެނެނީ ސިމެންތި އާއި ހޮޅިތަކުގެ އިތުރުން، ޖަކްޝަންތައް،" ހައްސާން ވިދާޅުވި އެވެ.
ހައްސާން ވިދާޅުވީ އެ މަސައްކަތް ފެށުމަށް ނިންމާފައި ވަނީ މި މަސް ނިމޭކޮޅުގައި ކަމަށާއި އެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ.

ނަރުދަމާ އެޅުމަށް ހޯރަފުއްޓަށް ގެންދިޔަ ސާމާނު އެރަށަށް ބާލަނީ-- ސަން ފޮޓޯ: ކިޔުންތެރިއެއް
އެކަމުގައި ހޯރަފުށީ ކައުންސިލްގެ ބަހެއް ހޯދާލުމަށް ތަކުރާރްކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބްނުދޭތީ އެ ކައުންސިލްގެ ބަހެއް ވަނީ ނުލިބިފަ އެވެ.
ހޯރަފުށީގައި ނަރުދަމާ އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޑަބްލިޔުއެސްސީ އާ އެވެ. އަދި އެ ކުންފުނިން ސަބް ކޮންޓެކްޓަރެއްގެ ގޮތުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސާސް ކޮންސްޓުރަކްޝަން އާ އެވެ.