ގއ. ކޮނޑޭ ކައުންސިލްގެ ރައީސް ކަމަށް އަދާލަތު ޕާޓީގެ ޓިކެޓުގައި އިންތިޚާބު ކާމިޔާބު ކުރެއްވި ސިޔާމް މުހައްމަދު ހޮވައިފި އެވެ.

ކޮނޑޭ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ޒުހައިރު 'ސަން' އަށް ވިދާޅުވީ ސިޔާމް އެމަގާމަމަށް ހޮއްވަވާފައި ވަނީ ތިން މެމްބަރުންގެ އިއްތިފާގުން ކަމަށެވެ. ސިޔާމް ހިމެނޭ ގޮތަށް އެ ކައުންސިލްގައި މިހާރު ތިއްބަވަނީ ޖުމްލަ ހަތަރު ކައުންސިލަރުންނެވެ.

ކައުންސިލްގެ ނައިބު ރައީސް ކަމުގެ މަގާމަށް ވެސް ބޭފުޅަކު ކުރިމަތިލެއްވި އެވެ. ނަމަވެސް ލިބެން ޖެހޭ އަދަދަށް ވޯޓު ލިބިފައި ނުވާތީ އެ މަގާމަށް ބޭފުޅަކު އިންތިޚާބެއް ނުކުރެވެ އެވެ.

ކޮނޑޭ ކައުންސިލްގެ އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކު ކައުންސިލަރުކަން ދޫކޮށްލެއްވުމާ ގުޅިގެން އޭނާގެ ބަދަލުގައި ކައުންސިލަރަކު ހޮވުމަށް މިހާތަށް އިންތިޚާބު ބާއްވާފައެއް ނުވެ އެވެ.

ކޮނޑޭ ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް ސިޔާމް ހޮއްވަވާފައިވާ އިރު މިހާތަނަށް އޭނާ ހުންނެވީ ވަގުތީ ރައީސްގެ މަގާމުގަ އެވެ.